ދައުލަތުގެ އާމްދަނީއާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުން އިތުރަށް ހަރުދަނާކޮށް، ގަވާއިދުތަކަށް އަމަލުކުރާ މިންވަރު މަތިކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފިސްކަލް މެންޑޭޓް މާލީ ކަންކަމާއި ދައުލަތުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މި ބަދަލާއެކު ރާއްޖެއަށް އެތެރެކުރާ އަދި ބޭރުކުރާ މުދަލުން ނަގާ އިމްޕޯޓް/އެކްސްޕޯޓް ޑިއުޓީއާއި، ލަގްޒަރީ މުދަލާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޚާއްޞަ ޑިއުޓީތައް ބެލެހެއްޓުމުގެ އިތުރުން، ޑިއުޓީން ރެކެން މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މާލީ ޒިންމާތައް ދެން ބަލަހައްޓާނީ މާލީ ވުޒާރާއިންނެވެ.
ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވީ، އަންނަ އަހަރު ދައުލަތުގެ ޖުމްލަ ހަރަދުގެ ގޮތުގައި 52.6 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ ތެރޭގައި ހިންގުމުގެ ހަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 8.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، 2027 ވަނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
އަންނަ އަހަރު އާމްދަނީ އިތުރުކުރުމަށް އެއްވެސް ޓެކުހެއް ބޮޑުނުކުރި ނަމަވެސް، ޓެކްސް ނިޒާމުގެ ހިންގުން ހަރުދަނާކޮށް، ނިޒާމުގައި ހުރި ބާގަނޑުތައް ބައްދާނެ ކަމަށް މާލީ ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން "މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް" ގެ ދައުރު ފުޅާކުރުމާއި، ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ޒަމާނީ "އީ-އިންވޮއިސިން" ނިޒާމެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން އިދާރީގޮތުން އާމްދަނީ ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ.
ކަސްޓަމްސްގެ މާލީ މެންޑޭޓް މާލީ ވުޒާރާގެ ދަށަށް ބަދަލުކުރަން ނިންމެވީ އެ އިދާރާއަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރިކަން ފާހަގަކުރެވިގެންނެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދާދި ފަހުން ނެރުނު ކަސްޓަމްސްގެ 2023 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެ އަހަރުގެ ނިޔަލަށް ކަސްޓަމްސްއަށް ނުލިބި 461 މިލިއަން ރުފިޔާ އެބައޮތެވެ. މީގެ ތެރެއިން 435.8 މިލިއަން ރުފިޔާއަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާއެވެ. ސަރުކާރުގެ އަމާޒަކީ މި ބަދަލުތަކާއެކު ދައުލަތަށް ލިބެންޖެހޭ އެންމެހައި ފައިސާ ފުރިހަމައަށް ހޯދޭނެ ނިޒާމެއް ގާއިމުކުރުމެވެ.




