މިފްކޯއިން މިއަހަރު މަސްވެރިންނަށް 342 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

މިއަހަރުގެ މިހާތަނަށް މަސްވެރިން ކިރުވި މަހަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން 342 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މުއްދަތުގައި މަސްވެރިން އެންމެ ގިނައިން ކިރުވާފައިވަނީ ކަނޑުމަހެވެ. އެގޮތުން 17،540 ޓަނުގެ ކަނޑުމަސް ކިރުވާފައިވާއިރު، އެ މަހަށް 326،293،946 ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެއެވެ.

މީގެ އިތުރުން، 826 ޓަނުގެ ރީނދޫ އުރަހަ ކަންނެލި މިފްކޯއަށް ކިރުވާފައިވާއިރު، ކަންނެލި މަސްވެރިންނަށް 16،457،803 ރުފިޔާ ދީފައިވެއެވެ.

އެހެންކަމުން، މިއަހަރުގެ މިހާތަނަށް މިފްކޯއަށް ޖުމްލަ 18،366 ޓަނުގެ މަސް ކިރުވައި، ޖުމްލަ 342،751،748 ރުފިޔާ މަސްވެރިންނަށް ވަނީ ޚަލާޞްކޮށްފައެވެ.

މީގެކުރިން މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވި ނަމަވެސް، މިހާރު މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުން އަންނަކަމަށް ވެސް ތަފާސްހިސާބުތަކުގައި ފާހަގަކޮށްފައިވެއެވެ. އަދި މަސް ގަންނަ އަގުތަކަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާއިރު، ރާއްޖޭގެ ހުރިހާ ހިސާބަކުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމް ވެސް ދަނީ ހަމަޖައްސަމުންނެވެ.

ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމާއި ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާޢަތަކަށް މަސްވެރިކަން ހެދުމެވެ.

ރިއެކްޝަންސް

ކޮމެންޓް