ރަސްމާލެ މަޝްރޫޢުގައި 8 ކަމަކަށް ރިޢާޔަތްކުރުމަށް ސަލަފުން ސަރުކާރަށް އިލްތިމާސްކޮށްފި

ރަސްމާލެ މަޝްރޫޢާއި އަދި މިފަދަ ބޭރުގެ މަޝްރޫޢުތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭ މައިގަނޑު 8 ކަމަކަށް ރިޢާޔަތްކުރުމަށް ޖަމްޢިއްޔަތުއްސަލަފުން ސަރުކާރަށް އިލްތިމާސްކޮށްފިއެވެ.

ސަލަފުން މި އިލްތިމާސް ކޮށްފައިވަނީ، ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ދިރާސާ ކުރަމުންދާކަން މިދިޔަ ސެޕްޓެމްބަރ މަހުގެ 28ވަނަ ދުވަހު އިޢުލާންކުރިތާ އެއް މަސް ފަހުންނެވެ.

ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއެކު ބާއްވާފައިވާ ބައްދަލުވުންތަކުންނާއި އެހެނިހެން ގޮތްގޮތުން ހޯދި މަޢުލޫމާތުން އެނގުނު ގޮތުގައި، މި މަޝްރޫޢަކީ ރަސްމާލޭގެ 500 ހެކްޓަރުގެ ބިން، ދިވެހި ދައުލަތުގެ މިލްކުވެރިކަން ދެމިއޮންނަ ގޮތަށް، ރިއަލް އެސްޓޭޓް އުޞޫލުން ތަރައްޤީކޮށް އިންވެސްޓްކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރުގެ މުއްދަތަށް ދޫކުރުމަށް ރޭވިފައިވާ މަޝްރޫޢެއް ކަމަށް ސަލަފުން ބުނެފައިވެއެވެ.

ސަލަފުން ފާހަގަކޮށްފައިވާ 8 ކަމުގެ ތެރޭގައި، އިސްލާމީ ޝަޚްޞިއްޔަތާއި ޤައުމީ ސިޔާދަތު ޙިމާޔަތްކުރުމާއި، ދައުލަތުގެ ސިޔާދަތާއި އިސްތިރާޖީ މިނިވަންކަން ޙިމާޔަތްކުރުމާއި، އާބާދީގެ އޮނިގަނޑަށް އަންނާނެ ބަދަލުތަކާއި ސަލާމަތީ ނުރައްކާތައް ދިރާސާކުރުން ހިމެނެއެވެ.

މީގެ އިތުރުން، ދިވެހި ރައްޔިތުންނަށް އެންމެ މަތީ މަންފާ ލިބޭނެ އިޤްތިޞާދީ ތަރައްޤީއަކަށް އަމާޒުހިފުމާއި، ދެފުށްފެންނަ، ހާމަކަން ބޮޑު ސިޔާސަތެއް ޤާއިމުކުރުމާއި، ހުޅުވާލެވިފައިވާ އިޤްތިޞާދަކާއި ޤައުމީ އަސާސްތަކުގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމާއި، ދާއިމީ މޮނިޓަރިންގ ނިޒާމެއް ޤާއިމުކުރުމާއި، އިޖްތިމާޢީ އަސަރުތައް ވަޒަންކުރުން ވެސް ހިމެނެއެވެ.

ފަލަސްޠީނުގެ މުޤައްދަސް ބިންތައް ފޭރިގަނެގެން އުޅޭ "އިޒްރޭލު"ގެ ރައްޔިތަކަށް މިފަދަ މަޝްރޫޢުތަކުގެ ތެރެއިން ފުރުސަތު ނުދިނުމަށް ވެސް ސަލަފުން ވަނީ ގޮވާލާފައެވެ.

އަދި އެއްބަސްވުންތައް ދެފުށް ފެންނަ ގޮތެއްގައި ހާމަކޮށް، ރައްޔިތުންގެ މަޝްވަރާއާއެކު، ޤައުމީ މަޞްލަޙަތު އެންމެ އިސްކޮށް ރައްކާތެރި ކުރެވޭނެހެން މަޝްރޫޢުގެ އެއްބަސްވުންތަކާއި ޤާނޫނީ އޮނިގަނޑު ފަރުމާކުރުމަށް ވެސް ސަލަފުން ވަނީ އިލްތިމާސްކޮށްފައެވެ.

ސަލަފުން ބުނީ، ރަސްމާލޭގެ މަޝްރޫޢުގެ ޙަޤީޤީ ތަޞައްވުރު ޔަގީންވެގެންދާނީ މަޝްރޫޢުގެ އެއްބަސްވުން އެކުލަވާލެވި، ކަމާބެހޭ ގާނޫނު ވުޖޫދުވުމުން ކަމަށެވެ.

ސަލަފުގެ ތަރުޖަމާނު އައްޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވީ، މިމަހުގެ 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކޮށް އެ ހުށަހެޅުންތައް ހިއްސާކޮށްފައިވާ ކަމަށާއި، އެ ކަންކަމަށް ރިޢާޔަތްކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވާ ކަމަށެވެ.

ރިއެކްޝަންސް

ކޮމެންޓް