ގދ. ތިނަދޫ ސިޓީއަކަށް ބަދަލުކުރުމަށް އެ ރަށުގެ އާބާދީގެ ސައްހަކަން އޮޅުވާލި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ދައުލަތުން ކުރި ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ކްރިމިނަލް ކޯޓުގައި ބާއްވަނީއެވެ.
މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 13:00 ގައެވެ. މި މައްސަލައިގައި ފުރަތަމަ އަޑުއެހުން ބޭއްވީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި ވަކީލަކު އައްޔަންކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
ސައުދުގެ މައްޗަށް ކުރާ ދެ ދައުވާއަކީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާއާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ.
ޕީޖީ އޮފީހުން ދައުވާގައި ބުނެފައިވަނީ، ތިނަދޫގެ އާބާދީ 10,000 މީހުން ހަމަވާކަން ދެއްކުމަށްޓަކައި މަރުވެފައިވާ މީހުންނާއި ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ހިމެނޭ ލިސްޓުތަކެއް ސައުދު ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުއްވާފައިވާ ކަމަށެވެ.
ޕީޖީން ވިދާޅުވި ގޮތުގައި، އެ ލިސްޓުގައި އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ މައުލޫމާތާއި އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނައި، ތިނަދޫގެ އާބާދީއަކީ 10,150 މީހުން ކަމަށް ބުނެފައިވެއެވެ.
އަދި ފުލުހުންގެ ތަހުގީގަށް އެ ލިސްޓުތައް ހިއްސާނުކޮށް، ސިޓީއެއްގެ ދަރަޖަ ހޯދުމަށް ދައުލަތުގެ އިދާރާތަކަށް ލިސްޓެއް ފޮނުވިކަން ރެކޯޑު ކުރެވިފައި ނުވާ ކަމަށް ބުނެ ސައުދު ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށްވެސް ދައުވާގައިވެއެވެ.
އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ، ސައުދަށް ތިނަދޫ މޭޔަރުކަމުގެ ގޮނޑިވެސް ގެއްލޭނެއެވެ.
ނަމަވެސް، މޭޔަރު ސައުދު ވަނީ މި ތުހުމަތުތައް މުޅިން ދޮގުކުރައްވާފައެވެ. މިއީ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން އޭނާ މަގާމުން ދުރުކުރުމަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސައުދު ވިދާޅުވެފައިވެއެވެ.
ތިނަދޫ ސިޓީއަކަށް ހަދާފައިވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، 2023 ވަނަ އަހަރުގެ އޮގަސްޓް 30 ގައެވެ. އޭގެ ފަހުން މިހާރުގެ ސަރުކާރުން ވެސް ވަނީ އެކަން އެގޮތަށް ބާއްވަން ނިންމާފައެވެ.
ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ 2024 ވަނަ އަހަރު އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށާއި އެލްޖީއޭއަށް ހުށަހަޅުއްވާފައެވެ.




