ޗައިނާގެ ކުރީގެ ކޮމިއުނިސްޓް ލީޑަރު މާއޯ ޒެޑޮންގަށް މަލާމާތްވާ ގޮތަށް ވާހަކަދެއްކުމާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކަށްފަހު، ރެއާލް މެޑްރިޑްގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ މާފަށް އެދިއްޖެއެވެ.
ރެއާލް މެޑްރިޑް ކުލަބުން ވެސް ވަނީ މި މައްސަލައާ ގުޅިގެން ޗައިނާގައި އުފެދުނު ހަމަނުޖެހުންތަކާ މެދު ރަސްމީކޮށް މާފަށް އެދިފައެވެ. ލަލީގާގެ ރައީސް ޖަވިއޭރް ތެބަސް ވެސް ވަނީ ލީގުގެ ފަރާތުން މާފަށް އެދިފައެވެ.
މި މައްސަލަ ފެންމަތިވީ ފަރަންސޭސި ޓޯކް ޝޯއެއް ކަމަށްވާ "ދަ ބްރިޖް" ގައި ވާހަކަދައްކަމުން، އިންޓަނެޓްގައި ދައުރުވާ މަޖާ ވީޑިއޯއަކަށް އިޝާރާތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. އެމްބާޕޭ ބުނީ، އޭނާއަށް އެންމެ ގަޔާވާ "މީމް" އަކީ "ޗައިނާގެ ޑިކްޓޭޓަރެއްގެ" މޫނުގެ ބަދަލުގައި އޭނާގެ މޫނު ހިމަނައިގެން ހަދާފައިވާ ވީޑިއޯއެއް ކަމަށެވެ.
ސްޕެއިންގެ ރަސްމީ ޚަބަރު އެޖެންސީން ރިޕޯޓްކުރި ގޮތުގައި، ޗައިނާގެ ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީއިން ލަލީގާގެ މެޗުތައް ބްރޯޑްކާސްޓްކުރުން ހުއްޓާލައި، އެމްބާޕޭގެ އިޝްތިހާރުތަކާއި ވީޑިއޯ ކްލިޕްތައް ވެސް ހުއްޓާލާފައިވެއެވެ. އަދި ޗައިނާގެ ބައެއް ކުންފުނިތަކުން ވަނީ އެމްބާޕޭއާއެކު ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުންތައް ނިމުމަކަށް ގެނެސްފައެވެ.
މި މައްސަލައާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްބާޕޭ ބުނީ، އޭނާ ދިން ކޮމެންޓަކީ ހެޔޮ ބުއްދިއަކުން ދެވުނު ކޮމެންޓެއް ނޫން ކަމަށާއި، އޭގެ ސަބަބުން ޗައިނާގައި ގިނަ ބަޔަކަށް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޗައިނާ މުޖުތަމަޢުތަކަށް އަސަރުކޮށްފައިވާކަން ގަބޫލުކުރާ ކަމަށެވެ.
"އަހަރެންގެ ބަސްތަކުގެ ސަބަބުން ހިތާމަ ކުރި ހުރިހާ އެންމެންނަށް އަހަރެން މާފަށް އެދެމެވެ. އެއީ ހަމަ އެއްވެސް އިރެއްގައި އަހަރެންގެ ބޭނުމެއް ނޫނެވެ. ޗައިނާގެ ރައްޔިތުންނަށާއި އެމީހުންގެ ތާރީޚަށް އަހަރެން ވަރަށް ބޮޑަށް އިހްތިރާމްކުރަމެވެ،" އެމްބާޕޭ ބުންޏެވެ.
މާއޯ ޒެޑޮންގަކީ ޗައިނާގެ ތާރީޚުގައި އެ ޤައުމުގެ ކޮމިއުނިސްޓް ޕާޓީން ވަރަށް މަތީ ދަރަޖައަކަށް އިހުތިރާމްކުރާ ލީޑަރެކެވެ. އޭނާއާ ބެހޭގޮތުން ދައްކާ ފާޑުކިޔުމުގެ ވާހަކަތަކަކީ ޗައިނާގައި ވަރަށް ނާޒުކު މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމެކެވެ.




