ތިނަދޫގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތާ ސްޓެލްކޯއިން ހަވާލުވެއްޖެ

ގދ. ތިނަދޫ ސިޓީގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތްތަކާ ސްޓެލްކޯއިން މިއަދު ރަސްމީކޮށް ހަވާލުވެއްޖެއެވެ.

ސްޓެލްކޯއިން މި ޚިދުމަތްތަކާ ހަވާލުވީ، މިކަމަށްޓަކައި މިއަދު ތިނަދޫ ސިޓީގައި ބޭއްވި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޡިރެވެ.

ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަކީ، ތިނަދޫ ސިޓީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެކަމަށްޓަކައި ރައީސަށް ޚާއްޞަ ޝުކުރެއް ދަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

ފެނަކަ އުވާލައި، ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ނިންމި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި މަސައްކަތުގެ ދަށުން ސްޓެލްކޯއިން މިހާރު ވަނީ ހއ. އަތޮޅުގެ ރަށްތަކުގެ ޚިދުމަތްތަކާއި، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ ކަރަންޓުގެ ޚިދުމަތާ ހަވާލުވެފައެވެ. އަދި ފެނަކައިން ޚިދުމަތް ދެމުން އައި އެހެން ރަށްތަކުގެ ޚިދުމަތްތަކާ ވެސް ސްޓެލްކޯއިން ދަނީ ހަވާލުވަމުންނެވެ.

ރިއެކްޝަންސް

ކޮމެންޓް