ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށާއި އިޤްތިޞާދަށް ގެއްލުންހުރި އަމަލުތައް ކުރުން ކުށަކަށް ހެދޭ ގޮތަށް ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް، މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހިމެނުމަށްފަހު އުނިކޮށްފިއެވެ.
ރާއްޖޭން ބައިވެރިވެފައިވާ ޖެނޮސައިޑް ކޮންވެންޝަނާ އެއްގޮތްވާ ގޮތުގެ މަތިން ޤަތުލުއާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު (ބޮޗޭ) ހުށަހެޅުއްވި މި ބިލުގެ މަސައްކަތް މިއަދުގެ އެޖެންޑާގައި ހިމެނުމަށްފަހު ބަދަލު ގެނައި ސަބަބު ކަށަވަރުކުރަމުންދާ ކަމަށް މަޖިލީހުގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ. މި ބިލުގައި ވަކި ޤައުމަކަށް، ނަސްލަކަށް، ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާޢަތަކަށް ބޮޑެތި ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާ ދިނުން ފަދަ ޤަތުލުއާންމުގެ އަމަލުތައް ކުށަކަށް ހެދުމުގެ އިތުރުން، ދައުލަތުގެ އިޤްތިޞާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ މުހިންމު އުމްރާނީ ވަސީލަތްތަކަށް ނުވަތަ ކޮމްޕިއުޓަރު ސިސްޓަމްތަކަށް ގެއްލުންދިނުން ފަދަ ކަންކަން ކުށުގެ ގޮތުގައި ކަނޑައެޅުން ހިމެނެއެވެ.
މި ބިލު ހުށަހެޅުމާ ގުޅިގެން، ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ފާޅުކުރާ ޚިޔާލުތައް ހުއްޓުވުމަށް ގެންނަ އިޞްލާޙެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުންގެ ތުހުމަތުތަކެއް ފެންމަތިވެފައިވެއެވެ. ނަމަވެސް ބަންޑާރަނައިބު އަޙްމަދު އުޝާމް ވަނީ މިއީ ބައިނަލްއަޤްވާމީ މުޢާހަދާއަކުން ރާއްޖެއަށް ލާޒިމުކުރާތީ ހުށަހެޅި ބިލެއް ކަމަށް ވިދާޅުވެ، އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.




