ބެއިޖިންގައި މޯލްޑިވިއަންގެ އައު އޮފީހެއް ހުޅުވައިފި

ޤައުމީ އެއާލައިން މޯލްޑިވިއަންގެ ޚިދުމަތްތައް ބައިނަލްއަގުވާމީ ފެންވަރުގައި އިތުރަށް ފުޅާކުރުމުގެ ގޮތުން، ޗައިނާގެ ވެރިރަށް ބެއިޖިންގައި އެ އެއާލައިންގެ އައު އޮފީހެއް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

ބެއިޖިންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އޮފީސް ހުޅުއްވައިދެއްވީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) ގެ ޗެއާމަން އަޙުމަދު ޝަފީޢު، މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް އަދި ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބެވެ.

މި އޮފީސް ހުޅުވުމަކީ މޯލްޑިވިއަންގެ ދަތުރުތަކާއި ޚިދުމަތްތައް ބައިނަލްއަގުވާމީ މައިދާނުގައި އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ އެއާލައިނުން ބުނެއެވެ.

މޯލްޑިވިއަންއިން ބުނީ، މި އޮފީހުގެ ސަބަބުން ޗައިނާގެ މާކެޓުގައި އެ އެއާލައިންގެ ހަރަކާތްތައް ވަރުގަދަވެ، އެ ޤައުމުގެ ވިޔަފާރި ބައިވެރިންނާއި ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށާއި، ދެ ޤައުމުގެ ދެމެދުގައި ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ވެސް މި އޮފީސް އެހީތެރިވާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

މޯލްޑިވިއަންއިން މިހާރު ވެސް އެ އެއާލައިންގެ ފްލީޓުގައި ހިމެނޭ އޭ330-200 މަރުކާގެ މަތިންދާބޯޓު ބޭނުންކޮށްގެން، ބެއިޖިންގ އާއި ޝަންހާއީ ހިމެނޭ ގޮތަށް ޗައިނާގެ ތިން ސިޓީއަކަށް ދަތުރުތައް ކުރަމުން ދެއެވެ. ޗައިނާގައި އެ އެއާލައިންގެ ޖެނެރަލް ސޭލްސް އެޖެންޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މެގަކެޕް އެވިއޭޝަން ސާވިސަސް ލިމިޓެޑެވެ.

ޗައިނާއަކީ މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މާކެޓެވެ. މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 327,531 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ 19 އިންސައްތައެވެ.

ރިއެކްޝަންސް

ކޮމެންޓް