މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް 100,435 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއަހަރުގެ ވެސް އަދި މިދިޔަ އަހަރުގެ ވެސް ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑިއާ ހިމެނެނީ ރާއްޖެއަށް 6 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުގެ ގޮތުގައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1.8 އިންސައްތައިގެ ދަށްވުމެކެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޤައުމުތަކަކީ:
ޗައިނާ: 326,741 ފަތުރުވެރިން
ރަޝިއާ: 248,739 ފަތުރުވެރިން
އިނގިރޭސިވިލާތް: 131,996 ފަތުރުވެރިން
ޖަރުމަނުވިލާތް: 115,814 ފަތުރުވެރިން
އިޓަލީވިލާތް: 103,504 ފަތުރުވެރިން
އިންޑިއާ: 100,435 ފަތުރުވެރިން
ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން ރޯޑްޝޯތަކާއި ފެއަރތަކުގައި ބައިވެރިވެ ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1,296 ތަނެއް ހުޅުވާފައިވާއިރު، މިތަންތަނުގެ ބެޑް ކެޕޭސިޓީ 68,243 އަށް އަރައެވެ.




