އާންމު ތަނެއްގައި ގާބުރިއެއް ހިފައިގެން އުޅުނު 35 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މި އަންހެން މީހާއާ ދެކޮޅަށް އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތެރޭގައި ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓް ހިމެނޭ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނެފައިވަނީ، ކުށުގެ ބާވަތަށާއި އޭނާގެ ކުށުގެ ރެކޯޑަށް ބަލާއިރު، އޭނާ ބަންދުން ދޫކޮށްލައިފިނަމަ ކުށް ތަކުރާރުކޮށް މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނަ ކަމަށެވެ. މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ކަނޑައަޅައި، ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އަންނަ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.




