މިނިސްޓަރު ހީނާ ސަގާފީ ފޯރަމެއްގައި ބައިވެރިވުމަށް އަޒަރުބައިޖާނަށް ފުރާވަޑައިގެންފި

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު ހީނާ ވަލީދު، އިންޓަރކަލްޗަރަލް ޑައިލޮގްގެ 7 ވަނަ ވޯލްޑް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް އަޒަރުބައިޖާންގެ ވެރިރަށް ބާކޫއަށް ފުރާވަޑައިގެންފިއެވެ.

މިނިސްޓަރު ހީނާ ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. "ޑައިލޮގް ފޯ އަ ޝެއާޑް ފިއުޗާ: ބިލްޑިންގ ބްރިޖަސް އިން އަ ފްރެކްޗަރޑް ވޯލްޑް" މި ޝިއާރުގެ ދަށުން ބާކޫގައި ބާއްވާ މި ފޯރަމް ކުރިއަށްދާނީ މިމަހުގެ 27 އިން 29 އަށެވެ.

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ، ފޯރަމްގެ ފުރަތަމަ ދުވަހު މިނިސްޓަރު ހީނާ ވާހަކަފުޅު ދައްކަވާނެ ކަމަށެވެ. މީގެ އިތުރުން، މި ފޯރަމްގެ ހަވާސާގައި ބާއްވާ ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކުގެ ހައި-ލެވެލް 3 ވަނަ ބައްދަލުވުމާއި "ބާކޫ ޕްރޮސެސް" ގެ 6 ވަނަ މިނިސްޓީރިއަލް ބައްދަލުވުމުގެ ޚާއްޞަ ޖޮއިންޓް ސެޝަންގައި ވެސް މިނިސްޓަރު ވާހަކަފުޅު ދައްކަވާނެ ކަމަށް ވުޒާރާއިން ބުނެއެވެ.

އެ ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާނީ، ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ބޭނުން ހިފައިގެން ސަގާފީ މަޝްވަރާތައް ކުރިއެރުވުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކަށެވެ.

މި ފޯރަމަކީ ދޭދޭ ސަގާފަތްތަކުގެ މެދުގައި އޮންނަ މަޝްވަރާއާއި، އެކަކު އަނެކަކަށް ކުރާ އިޙްތިރާމާއި، ބައިނަލްއަގުވާމީ ފެންވަރުގައި އަމަލީ ގޮތުން ގުޅިގެން މަސައްކަތްކުރުން ކުރިއެރުވުމަށްޓަކައި، އެކި ގައުމުތަކުގެ ވަޒީރުންނާއި، ސަގާފީ ދާއިރާގެ މާހިރުންނާއި، އިލްމީ ބޭފުޅުންނާއި، ދީނީ އިލްމުވެރިން އަދި ޒުވާނުންގެ މަންދޫބުން ބައިވެރިވާ މުހިންމު ބައްދަލުވުމެކެވެ. "ބާކޫ ޕްރޮސެސް" ގެ ތެރެއިން ކުރިއަށްދާ މި ފޯރަމް ބާއްވަނީ، ސަގާފީ ތަފާތުކުރުންތަކާއި، އިޖުތިމާއީ ގޮތުން އެކަހެރިވުމާއި، އައު ފަންނިއްޔާތުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އަމަލީ މަސައްކަތްތަކެއް ކުރުމުގެ އަމާޒުގައެވެ.

ވުޒާރާއިން ބުނީ، މި ފޯރަމްގައި ރާއްޖެއިން ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށާއި، ބަހާއި ޑިޖިޓަލް ދާއިރާއިން ގައުމީ ފެންވަރުގައި އިސްކަންދޭ ކަންކަން ބައިނަލްއަގުވާމީ މަންސައެއްގައި ހާމަކޮށް، ދުނިޔޭގެ އެކި ގައުމުތަކާއި ޖަމުޢިއްޔާތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާ މުހިންމު ފުރުޞަތެއް ކަމަށެވެ.

ރިއެކްޝަންސް

ކޮމެންޓް