އެސްއެމްއީތަކަށް ނުލިބި ހުރި ފައިސާ ޓެކުހާ އަޅައިކަނޑައިދޭ އުސޫލު މީރާއިން އާންމުކޮށްފި

ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބެން ޖެހި ނުލިބި ހުރި ފައިސާ، އެ ވިޔަފާރިތަކުން މީރާއަށް ދައްކަން ޖެހޭ ޓެކުހާއި އެހެނިހެން ފައިސާއާ އަޅައިކަނޑައިދިނުމުގެ އުސޫލެއް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފިއެވެ.

މީރާއިން ބުނީ، މި އުސޫލުގެ މައިގަނޑު މަގުސަދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް، ދައުލަތުން ލިބެން ޖެހޭ ފައިސާ މީރާއަށް ދައްކަން ޖެހޭ އަދަދުތަކާ ފަސޭހަކަމާއެކު ހަމަޖައްސައިދިނުން ކަމަށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޓެކުހަށް ލުއިތަކެއް ދޭނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައެވެ.

އުސޫލުގައިވާ ގޮތުން، ފައިސާ އަޅައިކަނޑައިދިނުމަށް އެދި ހުށަހަޅަންވާނީ މީރާގެ އޮންލައިން ޕޯޓަލް ކަމަށްވާ "މީރާކަނެކްޓް" މެދުވެރިކޮށެވެ. މީގެ އިތުރުން، މީރާގެ 904 ނަންބަރު ފޯމު ނުވަތަ އެޖަސްޓްމަންޓާއި ރީފަންޑަށް އެދޭ ފޯމު ފުރުމަށްފަހު އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅޭނެ ކަމަށް މީރާއިން ބުނެއެވެ.

މި ޚިދުމަތަށް އެދޭއިރު، ކަމާބެހޭ ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ކުންފުންޏަކުން ލިބެން ޖެހޭ ފައިސާގެ ފުރިހަމަ ތަފުސީލު ހުށަހަޅަން ޖެހޭނެއެވެ. ދައުލަތުގެ އިދާރާއަކުން ލިބެން ޖެހޭ ފައިސާއެއްނަމަ އެކަން ކަށަވަރުކުރާނީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ކަމަށާއި، ސަރުކާރު ކުންފުންޏަކުން ލިބެން ޖެހޭ ފައިސާއެއްނަމަ އެކަން ކަށަވަރުކުރާނީ ސީދާ އެ ކުންފުންޏަކުން ކަމަށް އުސޫލުގައިވެއެވެ.

ފައިސާ އަޅައިކަނޑައިދިނުމުގައި މީރާއިން އަމަލުކުރާނީ ވަކި ތަރުތީބަކުން ކަމަށް އުސޫލުގައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ އަޅައިކަނޑާނީ މީރާއަށް ނުދައްކައި އޮތް އަސްލު ފައިސާ ނުވަތަ ޕްރިންސިޕަލް އަދަދަށެވެ. އޭގެ ފަހުން ޖޫރިމަނާއާއި އިންޓަރެސްޓަށް ފައިސާ ހަމަޖައްސައިދޭނެއެވެ. ދައްކަން ޖެހޭ ޕްރިންސިޕަލް އަދަދެއް ނެތްނަމަ، ސުންގަޑި ހަމަނުވާ މުއްދަތުތަކަށް ދައްކަން ޖެހޭ ފައިސާއާވެސް އަޅައިކަނޑައިދެވޭނެ ކަމަށް މީރާއިން ބުނެއެވެ.

މި އުސޫލުގެ ދަށުން ފައިސާއެއް އަޅައިކަނޑައިދެވުނު ކަމަށް ބަލާނީ، ކަމާބެހޭ ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ކުންފުންޏަކުން އެ ފައިސާ މީރާއަށް ޖަމާކުރުމުންނެވެ. އަދި ވިޔަފާރިތަކުން ފައިސާ ދެއްކި ތާރީޚުގެ ގޮތުގައި މީރާގެ ރެކޯޑުތަކުގައި ހިމަނާނީ، އެ ފައިސާ މީރާއަށް ރަސްމީކޮށް ލިބޭ ތާރީޚު ކަމަށް އުސޫލުގައިވެއެވެ.

ރިއެކްޝަންސް

ކޮމެންޓް