ރަސްމާލެ ވޯޓާފްރޮންޓް މަޝްރޫއުގެ ބާރު އޮންނާނީ ދައުލަތަށް، އެންމެ ފައިދާބޮޑީ މިގޮތް: ވަޒީރު މުއްތަލިބު

ރަސްމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ވޯޓާފްރޮންޓް މަޝްރޫއުގެ ޕްރޮޕަޓީތަކުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނާނީ ދިވެހި ދައުލަތަށް ކަމަށާއި، މިއީ އިގްތިސާދީ ގޮތުން ދައުލަތަށް އެންމެ ބޮޑު ފައިދާއެއް ލިބިގެންދާނެ ގޮތަށް ރޭވިގެން ހިންގާ މަޝްރޫއެއް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ވާހަކަދައްކަވަމުންނެވެ. މި ފޯރަމްގައި ވަޒީރު ވަނީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ނިންމާފައިވާ އަމާޒަށް ދިއުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ޚާއްޞަ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ގާތްގަނޑަކަށް ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮތް ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށް އޮތް އެންމެ ރަނގަޅު މަގަކީ ގުދުރަތީގޮތުން ލިބިފައިވާ ރީތިކަމާއި ގައުމުގެ އަމާންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފުންކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރިއަލް އެސްޓޭޓް ޓޫރިޒަމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވަރަށް ކާމިޔާބުކަމާއެކު ބޭނުންކުރަމުންދާ މޮޑެލެއްކަން ފާހަގަކުރައްވައި، ރާއްޖޭގައިވެސް މި ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.

ރިއަލް އެސްޓޭޓް ދާއިރާ ކުރިއެރުވުމަށް ގާނޫނީ އިމުގެ ތެރެއިން ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ގޮތްގޮތަށް ޕްރޮޕަޓީތައް ތަރައްގީކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަޒީރު އަލިއަޅުވާލެއްވިއެވެ. އެގޮތުން 99 އަހަރަށް ލީޒް އުސޫލުން ދޫކުރާ ޕްރޮޕަޓީތައް އިކުއިޓީއާއެކު ނުވަތަ އިކުއިޓީއާ ނުލައި ޖޮއިންޓް ވެންޗާ އުސޫލުން ކުރިއަށްގެންދިއުމަކީ މާލީ ގޮތުން ދައުލަތަށް މަންފާ ބޮޑު ގޮތެއް ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ މަޝްރޫއުތަކުގެ މިލްކުވެރިކަމާއި ބާރު ދައުލަތަށް އޮވެ، ހިންގޭ ކޮންމެ މުއާމަލާތަކުން ދައުލަތަށް އެކަށީގެންވާ އާމްދަނީއެއް ވަންނާނެ ގޮތަށް އިންތިޒާމުކުރުމަކީ ގައުމަށް އެންމެ ފައިދާހުރި ގޮތް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މާލީ ހިސާބުތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ރަސްމާލޭގައި ތަރައްގީކުރެވޭ 8،800 އަށްވުރެ ގިނަ ޕްރޮޕަޓީގެ ފުރަތަމަ މުއާމަލާތުން އެކަނިވެސް ދައުލަތަށް 10 އިންސައްތައިގެ އާމްދަނީއެއްގެ ގޮތުގައި 3.1 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކޮންމެ ޕްރޮޕަޓީއެއްގެ ފުރަތަމަ މުއާމަލާތުން އެކަނިވެސް 1.2 ބިލިއަން ޑޮލަރު ދައުލަތަށް ލިބިގެންދާނެއެވެ. މީގެއިތުރުން، މި ޕްރޮޕަޓީތަކުގެ އޯނަޝިޕް ބަދަލުކުރާ ކޮންމެ ހާލަތެއްގައިވެސް މުއާމަލާތްތައް ކުރަންޖެހޭނީ ސަރުކާރު މެދުވެރިކޮށް ކަމަށްވާތީ، ކުރިއަށްއޮތް ތަނުގައި ކުރެވޭ ކޮންމެ ވިޔަފާރި މުއާމަލާތަކުންވެސް ސަރުކާރަށް އިތުރު އާމްދަނީ ލިބެމުންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަޅާކިޔުމެއްގެ ގޮތުން ވަޒީރު ފާހަގަކުރެއްވީ، ފަތުރުވެރިކަމުގެ ގާނޫނުގެ ދަށުން 99 އަހަރަށް 500 ހެކްޓަރުގެ ފަޅެއް ނުވަތަ ބިމެއް ދޫކުރުމުން އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި ދައުލަތަށް ލިބެނީ 75 މިލިއަން ޑޮލަރާއި 316 މިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއެއްގެ އިތުރުން ކުލީގެ ގޮތުގައި އަހަރަކު 2 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް ރަސްމާލެ މަޝްރޫއު އެއްކޮށް ނިމުމުން، އެކަނި އެ ރަށަށްވެސް އަހަރަކު 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭއިރު، އަހަރަކު 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް އިގްތިސާދަށް ވަންނާނެއެވެ. އަދި މިހާރު ރާއްޖޭގައި ހުރި ޕްރޮޕަޓީތަކާ އަޅާބަލާއިރު ހެކްޓަރަކަށް ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ 8 ގުނައަށް އިތުރުވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރިއެކްޝަންސް

ކޮމެންޓް