ޤައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ޑީއެސްސީއަށް

ޤައުމީ ވޮލީ ލީގު 2026 ގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އިން ހޯދައިފިއެވެ.

ވޮލީބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މި މަހުގެ 15 އިން 21 އަށް ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދިޔަ މި ލީގުގައި ޑީއެސްސީން ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓް ހޯދާފައެވެ.

ލީގުގެ ފަހު މެޗުގައި ޑީއެސްސީން ވަނީ ފަހަތުން އަރައި 3-1 ސެޓުން އެޗްޑީސީ ބަލިކޮށްފައެވެ. އެ މެޗުގެ ފުރަތަމަ ސެޓް 26-24 ގެ ނަތީޖާއަކުން އެޗްޑީސީން ކާމިޔާބުކުރި ނަމަވެސް، ޖެހިގެން އައި ތިން ސެޓް ވެސް ކާމިޔާބުކުރީ ޑީއެސްސީންނެވެ.

މީގެ އިތުރުން ޑީއެސްސީން ލީގުގައި ލަޔަންސް 3-0 އިންނާއި، ކްލަބް އެމްޓީސީސީ 3-1 އިން އަދި ޕޮލިސް ކްލަބު 3-0 އިން ވަނީ ބަލިކޮށްފައެވެ.

ލީގުގެ ރަނައަޕްކަން ހޯދީ ޕޮލިސް ކްލަބުންނެވެ. އެޗްޑީސީން ލީގު ނިންމާލީ ހަތަރު މެޗުން ހޯދި ހަތް ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.

ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ލީގު ނިންމުމުގެ ރަސްމިއްޔާތުގައި ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި، ހަށިހެޔޮކަމާ ބެހޭ މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. ރަނައަޕް ޕޮލިސް ކްލަބަށް މެޑަލް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.

ލީގުގެ މޯސްޓް ވެލިއުބަލް ޕްލެޔާ އާއި ބެސްޓް އޮޕޮސިޓް ޕްލެޔާގެ މަޤާމު ހޯދީ ޑީއެސްސީގެ ހުސައިން ރައްޒާން އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އޭނައެވެ.

އަދި ޑީއެސްސީގެ ހުސައިން ޝާހިދު ބެސްޓް ސެޓާ، އާދަމް ނަސީމް ބެސްޓް އައުޓްސައިޑް ހިޓާ އަދި އާދަމް ފައިރޫޒު ބެސްޓް މިޑްލް ބްލޮކާގެ މަޤާމު ހޯދިއިރު، މޯސްޓް ވެލިއުބަލް ފޮރިނާއަށް ހޮވުނީ ޑީއެސްސީގެ ޕާކިސްތާނު ކުޅުންތެރިޔާ ފަހަދު ރަޒާއެވެ. މޯސްޓް ވެލިއުބަލް ކޯޗުގެ މަޤާމު ލިބުނީ ޑީއެސްސީގެ ޖުނައިދު އަބްދުﷲއަށެވެ.

ރިއެކްޝަންސް

ކޮމެންޓް