ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މުސާރަ 95,000 ރުފިޔާއަށް ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މިގޮތުން މަޖިލިސް ރައީސަށް 22,000 ރުފިޔާގެ އެލަވަންސެއް ދޭން ކޮމިޓީން ފާސްކޮށްފައިވެއެވެ.
މަޖިލިސް ރައީސްގެ މުސާރަ ބޮޑުކުރުމުގެ އިތުރުން، ވަޒީރުންނަށް ދޭ ކާރު އެލަވަންސްގެ އަދަދު ބޮޑުކުރުމާއި ރަށު ކައުންސިލްތަކުގެ މުސާރަ ބޮޑުކުރުން ވެސް ކޮމިޓީން ފާސްކޮށްފިއެވެ.
މަޖިލިސް ރައީސަށް އެލަވަންސް ދޭން ކޮމިޓީއަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙެވެ.
ކޮމިޓީގެ އިދާރީ މޭޒުން ބުނީ، މި ބަދަލަކީ މަޖިލިސް ރައީސާއި ނައިބު ރައީސާއި މެންބަރުންގެ މުސާރައިގެ ދެމެދުގައި އުފެދިފައިވާ ތަފާތު ހަމަޖެހޭނެ އިސްލާހެއް ކަމަށެވެ.
އިދާރީ މޭޒުން ބުނި ގޮތުގައި، މިހާރު މަޖިލިސް ރައީސަށް ލިބެނީ 73,125 ރުފިޔާއެވެ. ނައިބު ރައީސަށް 91,000 ރުފިޔާ ލިބޭއިރު، ކޮމިޓީ އެލަވަންސާއެކު މެންބަރުންނަށް ލިބެނީ 82,500 ރުފިޔާއެވެ.
މި ބަދަލަށް ކޮމިޓީގައި ދެކޮޅު ހައްދަވައިފައިވަނީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާއެވެ. ގަފޫރު ވިދާޅުވީ، ދުނިޔޭގެ މިހާރުގެ ހާލަތުގައި މިއީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށެވެ.
ނަމަވެސް ބަހުސްކުރުމަށްފަހު، މަމްދޫޙު ހުށަހަޅުއްވައި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ ތާއީދުކުރައްވައިގެން، ޕީއެންސީގެ މެޖޯރިޓީ ބޭނުންކޮށް މި ބަދަލު ކޮމިޓީން ފާސްކޮށްފައިވެއެވެ.



