ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖެ-ޕާކިސްތާން ބިޒްނަސް ފޯރަމްގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓުގެ އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ހާރިޖީ ވަޒީރު މުހައްމަދު އިސްހާގް ދާރު ވިދާޅުވެއްޖެއެވެ.
އިސްހާގް ދާރު މިއަދު މިހެން ވިދާޅުވީ، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް އެ ގައުމަށް މިހާރު ކުރައްވަމުން ދެއްވާ ފުރަމާނަ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައެވެ. މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީއާއި ބޮޑުވަޒީރުގެ ފަރާތްޕުޅުން ރައީސް މުއިއްޒަށާއި ދިވެހި ވަފުދަށް ހޫނު މަރުހަބާއަކާއި ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ވިޔަފާރި، އިންވެސްޓްމަންޓް، ތައުލީމު، މޫސުމަށް އަންނަ ބަދަލުތައް އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ފުޅާކުރުމަށް ދެ ބޭފުޅުން ސަމާލުކަން ދެއްވިއެވެ.
މި ދަތުރުފުޅާ ދިމާކޮށް ބާއްވާ ބިޒްނަސް ފޯރަމްގައި ދިވެހި ވިޔަފާރިވެރިންގެ ވަފުދުން ބައިވެރިވާތީ އެކަމަށް މަރުހަބާ ދަންނަވަމުން، އިސްހާގް ދާރު ފާހަގަކުރެއްވީ ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި ބޭއްވޭ މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ވިޔަފާރީގެ ހަގީގީ ނަފާ ދެ ގައުމަށްވެސް ލިބިގެންދާނެ ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ޕާކިސްތާނުން ދެންނެވި ހޫނު މަރުހަބާއާއި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައި، ދެފަރާތަށްވެސް ފައިދާހުރި އާ ދާއިރާތަކުން ގުޅުން އިތުރަށް ވަރުގަދަކުރުމަށް ރާއްޖެއިން އެދޭކަން ހާމަކުރައްވާފައެވެ.
މި މަހުގެ 20 އިން 22 އަށް ރައީސް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ގުޅުން ތަފާތު ދާއިރާތަކުން ހަރުދަނާކުރުމުގެ ގޮތުން 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. ރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 26 ޖުލައި 1966 ގައެވެ.

