ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ވާހަކަދައްކާ ކޮންމެ މީހަކީ ގައުމުގެ އަދުއްވެއް: މުޞްޠަފާ

ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ވާހަކަދައްކާ ކޮންމެ މީހަކީ މި ގައުމުގެ އަދުއްވެއް ކަމަށް މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

މުޞްޠަފާ މިހެން ވިދާޅުވީ، ރަސްމާލެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ތަފުސީލުތައް ހާމަކުރުމަށް ގޮވާލައި، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުންނެވެ.

މުޞްޠަފާ ވިދާޅުވީ، ރަސްމާލެ މަޝްރޫޢުގެ ކަންކަން ކުރިއަށް ދަނީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ. ސަރުކާރުންނާއި މިކަމަށް އިންވެސްޓްކުރާ ފަރާތުން ވެސް ނޫސްވެރިންނާ ބައްދަލުކޮށް، މަޝްރޫޢު ކުރިއަށްދާ ގޮތާއި ވެފައިވާ އެއްބަސްވުމުގެ މައުލޫމާތު ތަކުރާރުކޮށް ހާމަކުރަމުން ގެންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

99 އަހަރަށް ބިން ދޫކުރާ ވާހަކަ ދައްކާއިރު، އެކަން ފެށުނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި 2015 ވަނަ އަހަރު ކަމަށް މުޞްޠަފާ ވިދާޅުވިއެވެ. އެގޮތުން، އެނބޫދޫ ފަޅުގެ 750 ހެކްޓަރު 40 މިލިއަން ޑޮލަރުގެ މަޝްރޫޢަކަށް 99 އަހަރަށް ދޫކޮށްލި ކަމަށާއި، އެކަމުން ދައުލަތަށް ލިބޭނެ ކަމަށް ބެލީ އަހަރަކު ދެ މިލިއަން ޑޮލަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ނ. އަތޮޅާއި ވ. އަތޮޅުން ވެސް ބޮޑެތި ސަރަހައްދުތަކެއް 99 އަހަރަށް ދޫކޮށްލާފައިވާ ކަމަށް ވިދާޅުވެ، މުޞްޠަފާ ވަނީ ކުރީގެ ސަރުކާރުތަކަށް ފާޑުވިދާޅުވެފައެވެ.

މި ސަރުކާރުން 99 އަހަރަށް ދޫކޮށްލަނީ 500 ހެކްޓަރުގެ ބިމެއް ކަމަށާއި، މިއީ 20 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް ކަމަށް މުޞްޠަފާ ވިދާޅުވިއެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖެ ތަރައްގީވެ، ރައްޔިތުންނަށް ތަނަވަސްކަމާއި އުފާފާގަތިކަން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ ތަކުރާރުކޮށްލާނަން، މި ޕްރޮޖެކްޓާ ދެކޮޅަށް ވާހަކަ ދައްކާ ކޮންމެ މީހަކީ ދިވެހިރާއްޖޭގައި ދިވެހިންގެ އަދުއްވެއް، ދިވެހިރާއްޖެއަށް ތަރައްގީއާއި ތަމައްދުނު އެދެން ބޭނުން ނުވާ މީހުން ކުރާ ކަންތައް އެ ހުންނަނީ،" މުޞްޠަފާ ވިދާޅުވިއެވެ.

މީކާއީލް ހުށަހެޅުއްވި ގަރާރުގައިވަނީ އީގަލް ހިލްސްއާއެކު ސޮއިކޮށްފައިވާ ކޮމާޝަލް ޓާމްސް އެގްރީމެންޓުގެ ހުރިހާ ތަފުސީލުތަކެއް ހާމަކުރުމަށް ގޮވާލާފައެވެ. އަދި ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކި ބިން، އެއްވެސް އެކުއިޒިޝަން ކޮސްޓެއް ނުވަތަ ކުއްޔެއް ނުލިބޭ ގޮތަށް 99 އަހަރަށް ދޫކުރުމާމެދު ވެސް ގަރާރުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫޢުގެ ފަހު އެއްބަސްވުމުގައި، އަންނަ މަހުގެ 11 ވަނަ ދުވަހު ފާހަގަކުރާ ޖުމްހޫރީ ދުވަހު ސޮއިކުރުމަށް އުންމީދުކުރައްވާ ކަމަށް އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލްޢައްބާރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ރިއެކްޝަންސް

ކޮމެންޓް