ރަސްމާލޭގައި ޔޫއޭއީގެ ކުންފުންޏަކުން ހިންގަން އުޅޭ މަޝްރޫޢާ ދެކޮޅަށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިދިކޮޅު އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ މެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ސުވާލު އުފައްދަވައިފިއެވެ.
މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމުގައި ސަޢޫދީ ޢަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫޢު ހުއްޓުވަން އެމްޑީޕީ އިސްވެ އޭރު ކުރި މަސައްކަތާއި، ރަސްމާލޭގެ މަޝްރޫޢަށް ހުރަސްއެޅުމަށް މިއަދު ރައީސް ޔާމީން ކުރައްވާ މަސައްކަތާ ދެމެދު އެއްވެސް ތަފާތެއް ނެތް ކަމަށެވެ.
އެމްޑީޕީން ވެރިކަމުގެ ދަހިވެތިކަމުގައި ޤައުމަށާއި ރައްޔިތުންނަށް ޣައްދާރުވީ ކަމަށް އޭރު ރައީސް ޔާމީން ވިދާޅުވި ކަމަށް ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ. މިއަދު ހަމަ އެ ދަހިވެތިކަމުގައި އެމަނިކުފާނަށް ޣައްދާރުވެވެނީ ޤައުމަށާއި ރައްޔިތުންނަށް ނޫންތޯ ވެސް ޢަބްދުއްރަޙީމް އެއްސެވިއެވެ.
ވެރިކަމުގެ ދަހިވެތިކަމުގައި ކުރެވޭ ނުކުރެވޭ ކަމެއް އަދި ދެއްކޭ ނުދެއްކޭ ވާހަކައެއް އެނގިވަޑައިނުގަންނަވާ ހިސާބަށް ރައީސް ޔާމީންގެ ކަންކަން ގޮސްފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.
"ދިވެހި ރައްޔިތުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާވަރަށްވުރެ މާ ބޮޑަށް ތަޞައްރުފު ފުދިފައި ތިބި މާ ހަރުދަނާ ބައެއް. ޤައުމާ މެދު ވިސްނާ ފިކުރުކޮށް ރަނގަޅާއި ނުބައި ވަކިކުރަން ދަންނަ ބައެއް،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މާތް ﷲގެ ތަނަވަސް ރަޙުމަތްފުޅުން ރަސްމާލޭގެ މަޝްރޫޢު ނުހުއްޓުވޭނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ލަހެއް ނުވެ މި ބިޔަ މަޝްރޫޢު ފެށިގެންދާނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
މި މަޝްރޫޢު ކުރިއަށްދާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، މުސްތަޤްބަލުގައި މީގެ ފުރިހަމަ ފައިދާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ހިންގާ 20 ބިލިއަން ޑޮލަރުގެ މަޝްރޫޢުގެ ކޮމާޝަލް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ.




