ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އޭޖެންޓުން މެދުވެރިކޮށް އަސާސީ 80 ބާވަތެއް ހެޔޮ އަގުގައި ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މީގެކުރިން އެސްޓީއޯގެ އޭޖެންޓުން މެދުވެރިކޮށް ރަށްރަށަށް ދޫކުރަމުން ދިޔައީ ހަމައެކަނި ހަނޑޫ، ހަކުރު އަދި ފުށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކާ ގުޅިގެން، އަސާސީ ބާވަތްތަކުގެ ލިސްޓު ވަނީ 26 ބާވަތުން 80 ބާވަތަށް އިތުރުކޮށްފައެވެ. މި ނިންމެވުމުގެ ބޭނުމަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ދުވަހުން ދުވަހަށް ބޭނުންވާ ތަކެތި މެދުކެނޑުމެއްނެތި ހެޔޮ އަގުގައި ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖެއްސުމެވެ.
މި ނިންމެވުމާ ގުޅިގެން، އެސްޓީއޯއިން މިހާރު ވަނީ އެ 80 ބާވަތް ރާއްޖެއަށް އެތެރެކުރަން ފަށާފައެވެ.
އަލަށް ކަނޑައެޅުނު 80 ބާވަތުގެ ތެރޭގައި 20 ބާވަތެއްގެ މޭވާއާއި 20 ބާވަތެއްގެ ތަރުކާރީ ހިމެނެއެވެ. އަދި ގޭބިސީތަކުގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ 37 ބާވަތާއި، ކާބޯތަކެތި ނޫން އަސާސީ ތިން ބާވަތް ވެސް ހިމެނެއެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ވެސް އެސްޓީއޯއިން ކަނޑައަޅާ އަގުތަކުގައި މި ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ރަށްރަށުގެ އަމިއްލަ ވިޔަފާރިތަކާ ގުޅިގެން އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ.
އެސްޓީއޯއިން ސީދާ ރަށްރަށުގައި މުދާ ވިއްކުމުގެ އިތުރުން، ރަށްރަށުގެ އަމިއްލަ ފިހާރަތަކަށް ހޯލްސޭލްކޮށް މުދާ ދޫކޮށް، އެ ވިޔަފާރިތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިޤްތިޞާދީ ގޮތުން ބާރުވެރިވެގެންދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
އެސްޓީއޯގެ އޭޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވާ ފިހާރަތަކުގެ ލިސްޓު ވެސް ވުޒާރާއިން ވަނީ އާންމުކޮށްފައެވެ. އެގޮތުން ގްރޭޓަރ މާލޭ ސަރަހައްދުގައި 48 ފިހާރައެއް ހިމެނެއެވެ. 3,000 އަށްވުރެ ބޮޑު އާބާދީގެ ރަށްތަކުގައި 22 ފިހާރައާއި، 3,000 އިން ދަށުގެ އާބާދީގެ ރަށްތަކުގައި 38 ފިހާރަ ހިމެނެއެވެ.




