ހދ. ނޭކުރެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ 59 އިންސައްތަ ނިމިއްޖެ

ހދ. ނޭކުރެންދޫ ބަނދަރު ތަރައްގީކޮށް އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު، މިހާރު މުޅި މަޝްރޫއުގެ 59 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދާ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތުން 80 މީޓަރުގެ ސަރަހައްދެއް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށެވެ. މި ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ.

ޖުމްލަ 45.11 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ރަށުގެ ބަނދަރާއި ނެރަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 22,323 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އާ ބަނދަރެއް ފުންކުރުމާއި، 6,806 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރީގެ ބަނދަރު އަލުން ފުންކުރުމުގެ އިތުރުން، 1,985 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން ހިމެނެއެވެ. މީގެއިތުރުން ބަނދަރު ހިމާޔަތް ކުރުމަށްޓަކައި 366 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 212 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

މި މަޝްރޫއު ނިމިގެންދާއިރު ރަށުގެ ހުޅަނގު ދެކުނު ފަރާތުގައި 31,087 ސީބީއެމްގެ ސަރަހައްދެއް ތަރައްގީކޮށް، 290 މީޓަރުގެ ބްރޭކްވޯޓާއަކާއި 76 މީޓަރުގެ ޗެނަލް ބްރޭކްވޯޓާއެއް ގާއިމުކުރެވޭނެއެވެ. އަދި ބަނދަރު ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން 10 މީޓަރު ދިގު އަދި 9 މީޓަރު ފުޅާ ކޮންކްރީޓް ރޭމްޕެއް ހެދުމާއި، 1,859 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމެންޓް އެޅުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ އިތުރުން މޫރިންގ ބޮއެ ހަރުކުރުމުގެ މަސައްކަތްތައް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މި މަޝްރޫއު މުޅިން ނިމިގެންދިއުމާއެކު ނޭކުރެންދޫގެ ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ރިއެކްޝަންސް

ކޮމެންޓް