ށ. އަތޮޅުގެ ދެ ރަށެއް ކަމަށްވާ ފޯކައިދޫ އަދި މިލަންދޫގައި ސަރުކާރުން ކުރިއަށް ގެންދާ އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
މި މަޝްރޫއުތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ ކަންކަން ކުރިއެރުވުމަށާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ މުހިންމު މަޝްރޫއުތަކެކެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި، ފޯކައިދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ ފައުންޑޭޝަން ބީމް ޝަޓަރިން އާއި ރީއިންފޯސްމަންޓްގެ މަސައްކަތްތައް މިހާރު އަންނަނީ ހަލުވިކަމާއެކު ކުރަމުންނެވެ. ހަމައެއާއެކު، ށ. މިލަންދޫގައި ގާއިމުކުރާ އިސްލާމީ މަރުކަޒުގެ މުންނާރުގެ ބައެއް މަސައްކަތްތަކުގެ އިތުރުން، އާރްސީ ވޯލް ފޯމްވޯކް އާއި ރީއިންފޯސްމަންޓްގެ މަސައްކަތްތައް ވެސް ބާރުމުރުމެއްގައި ކުރިއަށްދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިލަންދޫގައި ތަރައްގީކުރާ އިސްލާމީ މަރުކަޒަކީ 24.99 މިލިއަން ރުފިޔާގެ ޚަރަދަކުން، 720 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މި އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މި މަރުކަޒުގައި 700 މީހުންގެ ޖާގައިގެ ނަމާދުކުރާ ބޮޑު ހޯލެއްގެ އިތުރުން، 300 މީހުންގެ ޖާގައިގެ މަލްޓި-ޕާޕަސް ހޯލަކާއި، ތިން ކުލާސްރޫމް އަދި ޒަމާނީ ފެންވަރު ލައިބްރަރީއެއް ހިމެނޭނެއެވެ.
މީގެ އިތުރުން، ފޯކައިދޫގައި ބިނާކުރާ އިސްލާމީ މަރުކަޒު ނިމިގެންދާއިރު، އެ ރަށުގެ ރައްޔިތުންނަށް ދީނީ އަދި އިޖުތިމާއީ ގޮތުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން މި މަރުކަޒުގައި 700 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ޖާގައާއި، 300 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލެއްގެ އިތުރުން، ލައިބްރަރީއަކާއި، ހަތަރު ކުލާސްރޫމް، އިމާމު ރޫމެއް، އޮފީސް ބަޔެއް އަދި ހިނަވާގެއެއް ވެސް ހިމެނޭނެއެވެ. މި މަރުކަޒުތަކަކީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފަރުމާކުރެވިގެން، ސޯލާ ހަރުކޮށް އަދި މުޅި އިމާރާތް އޭސީ ކުރުމަށް ހަމަޖެހިފައިވާ ޒަމާނީ މަރުކަޒުތަކެކެވެ.
އެމްޓީސީސީން ބަޔާންކޮށްފައިވާ ގޮތުގައި، މި ދެ ރަށުގެ އިސްލާމީ މަރުކަޒުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމާއެކު، އެ ރަށްރަށުގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި ތައުލީމީ އަދި އިޖުތިމާއީ ތަފާތު ހަރަކާތްތައް ހިންގުމަށް ފުރިހަމަ ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ. އަދި މިއީ ސަރަހައްދީ ތަރައްގީއަށް ލިބިގެންދާނެ ވަރުގަދަ ބާރަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.




