ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުރީގެ މެންބަރުންނަށް ދައުލަތުގެ ބަޖެޓުން ދެމުން އަންނަ އަގުބޮޑު ހެލްތު އިންޝުއަރެންސް ސްކީމް އުވާލުމަށް އެދި ހުށަހެޅި އީ-ޕެޓިޝަން މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށް ފޮނުވުމަށް ޕެޓިޝަން ކޮމިޓީން ވަނީ ނިންމާފައެވެ.
އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މިގޮތަށް ފާސްކުރީ އެކްޓިވިސްޓް މިދުއަމް ސައުދު އިސްނަގައިގެން ހުށަހެޅި، 7،225 މީހުން ސޮއިކޮށްފައިވާ މި ޕެޓިޝަނާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހުގައެވެ. މިއީ މަޖިލީހުގެ ގަވާއިދުގެ ތްރެޝްހޯލްޑްތައް ފުރިހަމަވެ، މަޖިލީހުގެ ތާރީޚުގައި ވެސް ދެވަނައަށް އެންމެ ގިނަ މީހުން ސޮއިކުރި އީ-ޕެޓިޝަނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކުގެ ގާނޫނު އޮންނަ ގޮތުން، ހިނގަމުންދާ ދައުރުގެ މެންބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކުގެ އިތުރުން ކުރީގެ މެންބަރުންނަށް ވެސް އުމުރުދުވަހަށް މެލޭޝިއާ، ތައިލެންޑް އަދި ސިންގަޕޫރު ފަދަ ގައުމުތަކުގެ އަގުބޮޑު ހޮސްޕިޓަލްތަކުން ޚިދުމަތް ލިބޭ ސިއްހީ އިންޝުއަރެންސް ދޭންޖެހެއެވެ. ނަމަވެސް، ރައްޔިތުންގެ ޓެކްސް ފައިސާއިން ވަކި ބަޔަކަށް އެކަނި މިފަދަ ހާއްސަ އިނާޔަތްތަކެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ކުރީގެ މެންބަރުންނަށް މިފަދަ ދާއިމީ ސްކީމްތައް ނުދޭކަން ޕެޓިޝަންގައި ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ޕެޓިޝަން ހުށަހެޅި ފަރާތްތަކުން އެދިފައިވަނީ، ހުރިހާ ދިވެހި ރައްޔިތުންނެކޭ އެއްފަދައިން މެންބަރުންނަށް ވެސް ގައުމީ ސިއްހީ ނިޒާމުގެ ތެރެއިން ހަމަހަމަކަމާއެކު ޚިދުމަތް ލިބޭނެ ގޮތް ހެދުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށެވެ. ކޮމިޓީގެ މި ނިންމުމާ ގުޅިގެން، ކުރިއަށް އޮތް ތަނުގައި މަޖިލީހުގެ ރިޔާސަތުން އެޖެންޑާކުރާ ޖަލްސާއެއްގައި މުޅި ތަޅުމުގައި މި މައްސަލައަށް ބަހުސްކޮށް، ގޮތެއް ނިންމުމަށް ވޯޓަށް އަހާނެއެވެ.





