2020 ވަނަ އަހަރު ތ. ތިމަރަފުށީގައި ޓެރަރިސްޓް ހަމަލާއެއް ދޭން ރޭވި މައްސަލައިގައި އަށް މީހެއްގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާގެ ތެރެއިން ސާބިތުވެފައިވަނީ ތިން ދައުވާއެއް ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ދައުވާލިބޭ މީހުންގެ ތެރެއިން މިހާރު ތަންފީޒުކުރަންޖެހޭ ޖަލު ހުކުމެއް އޮތީ ހަނގުރާމައަށް ދާން އުޅުމުގެ ދައުވާއާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ ޖުމްލަ 8 އަހަރުގެ ހުކުމެއް އިއްވި އަލީ އަރުހަމް މުހައްމަދަށް އެކަންޏެވެ.
މި މައްސަލައިގައި ދެން ހިމެނޭ އަބްދުالله އިމާދާއި، އަލީ މުނީޒު އަދި އިބްރާހީމް ލޫތުގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމާއި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ ސާބިތުވި ނަމަވެސް، އެ މީހުން ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އިތުރަށް ތަންފީޒުކުރަންޖެހޭ އަދަބެއް ނެތުމުން އަރުހަމް ފިޔަވައި އެންމެން ވަނީ ބަންދުން މިނިވަންވެފައެވެ.
ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމާއި، ހިތްވަރު ދިނުމާއި، އުކުޅުތައް ދަސްކުރުން ފަދަ މައިގަނޑު ދައުވާތައް ސާބިތުނުވި މައިގަނޑު ސަބަބަކީ ހެކީގެ ގޮތުގައި ހުށަހެޅި މޮބައިލް ފޯނުގެ ޑާޓާގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދިފައިވުމެވެ. ސާބިތުނުވި ދައުވާތައް އިސްތިއުނާފުކުރުމާމެދު ޕީޖީ އޮފީހުން ގޮތެއް ނިންމާނީ މައްސަލައިގެ ރިޕޯޓު ލިބުމުންނެވެ.





