ރަށުގައި ދިރިއުޅޭ އާބާދީ 1000 ހަމަވާނަމަ ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ރާއްޖޭގެ ވީހާވެސް ގިނަ ރަށްރަށަކުން ފަސޭހައިން ޕާސްޕޯޓް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތު ކަމަށެވެ.
ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރީން ޕާސްޕޯޓްގެ ޚިދުމަތް ފަސް ސަރަހައްދަކުން ދެމުން އައި ނަމަވެސް މިހާރު އެ ޚިދުމަތް 39 ސަރަޙައްދަކުން ދަނީ ދެމުންނެވެ. އަދި މެލޭޝިޔާ އާއި ސްރީލަންކާ އިންވެސް އެ ޚިދުމަތް ދަނީ ދެމުންނެވެ.
ވަޒީރު ވިދާޅުވީ ރަށުގައި ދިރިއުޅޭ އާބާދީ 1000 ހަމަވާނަމަ އަދި އެއާޕޯޓް އޮންނަ ކޮންމެ ރަށަކުން ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށެވެ. އެމަނިކުފާނު އެންގެވީ އަންނަ ފެބްރުއަރީ މަހުގެ ކުރީން އެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ. ވަޒީރު ވިދާޅުވީ އެގޮތުން އިތުރު ހަތަރު ރަށެއްގައި އެ ޚިދުމަތް ފަށަން ޖެހޭ ކަމަށާ އެކަމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.





