އެމްޑީޕީގެ އިންތިޚާބު ނޮވެމްބަރު 27 ގައި: ޓައިމްލައިން އާންމުކޮށްފި

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ނިންމައި، އެ އިންތިޚާބާ ގުޅޭ ޚާއްޞަ ޓައިމްލައިން އެ ޕާޓީން މިއަދު އާންމުކޮށްފިއެވެ.

އެމްޑީޕީން އާންމުކުރި ޓައިމްލައިންގައިވާ ގޮތުން އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށެވެ. މިއިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވަނީ މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ޕާޓީގެ ދަފުތަރުގައި ރެޖިސްޓްރީވެފައިވާ މެންބަރުންނަށެވެ. މީގެއިތުރުން، އިންތިޚާބާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ އުސޫލާއި ފޯމު މާދަމާ އާންމުކުރުމަށް ހަމަޖެހިފައިވާއިރު، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 10 ވަނަ ދުވަހު އިއުލާނުކުރާނެއެވެ.

އިންތިޚާބީ އިދާރީ މަސައްކަތްތަކުގެ ތެރެއިން މާލޭގައި ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ އޮފިޝަލުން (ވޮލަންޓިއަރުން) ހޯދުމަށް އޮކްޓޫބަރު 13 ގައި ހުޅުވާލުމަށް ވަނީ ނިންމާފައެވެ. އަދި އޮކްޓޫބަރު 22 ގައި މެންބަރުންގެ ދަފްތަރު އާންމުކޮށް ޝަކުވާއަށް ހުޅުވާލާއިރު، އިންތިޚާބަށް ކުރިމަތިލުމާއި ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޫބަރު 25 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. މީގެއިތުރުން، ރީ-ރެޖިސްޓްރީވުމުގެ ފުރުޞަތު އޮކްޓޫބަރު 27 އިން ނޮވެމްބަރު 6 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

އިންތިޚާބުގެ ދާއިމީ ވޯޓާސް ލިސްޓު ނޮވެމްބަރު 14 ގައި އާންމުކުރުމަށްފަހު، ވޯޓުފޮށި ބަހައްޓާނެ ތަންތަން އިއުލާނުކުރާނީ ނޮވެމްބަރު 23 ގައެވެ. ވޯޓުލުން ނިމޭ ރޭ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވާއިރު، އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރުމަށް ނިންމާފައިވަނީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

ރިއެކްޝަންސް

ކޮމެންޓް