ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރާއްޖޭގެ އަތޮޅުތަކުގައި "ސަރުކާރުގެ ޚިދުމާތު މަރުކަޒު" ތަކުގެ ނަމުގައި މަރުކަޒުތަކެއް މިއަދު އުފައްދަވައިފިއެވެ.
ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވައި އިޚުތިޔާރުގެ ދަށުން އުފެއްދެވި މި މަރުކަޒުތައް ހިނގަމުންދާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުންނެވެ. ރައީސް އޮފީހުގެ ދެންނެވުން ނަންބަރު 2026/16 އިން އިޢުލާނުކުރެއްވި މި މަރުކަޒުތައް ޤާއިމުކޮށްފައިވަނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުވާ އަތޮޅުތަކުގައެވެ.
މި މަރުކަޒުތައް އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ، ލާމަރުކަޒީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ޤައުމީ އިދާރާތަކުން ދޭ ޚިދުމަތްތައް އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތައް މެދުވެރިކޮށް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. ރައީސް އޮފީހުން ނެރުއްވި މި ދެންނެވުމުގައި މި މަރުކަޒުތަކަށް އިނގިރޭސިބަހުން ކިޔާނެ ރަސްމީ ނަންތަކާއި، ސިޓީ މުޢާމަލާތް ކުރުމުގައި ޖައްސަވަންޖެހޭ މުއައްސަސާ ނަންބަރުތައް ވެސް ވަނީ ހަމަޖައްސަވައިދެއްވާފައެވެ.





