މި އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ދޭ ހާއްސަ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
ކޮންމެ އަހަރެއްގެވެސް ޑިސެންބަރު 10 ވަނަ ދުވަހު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިދިޔަ އަހަރުގެ ރަސްމީ ޖަލްސާ ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވަޑައިގެންނެވި ރ. ދުވާފަރުގައެވެ.
މި އަހަރުގެ ޖަލްސާގައި ޖުމްލަ 4 އެވޯޑެއް ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)، އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި) އަދި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑުގެ އިތުރުން، މުޅިން އަލަށް ތައާރަފްކުރި ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު ހިމެނެއެވެ.
މި އެވޯޑުތަކަކީ މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑުތަކެކެވެ.
މި އެވޯޑުތަކަށް އަމިއްލައަށް ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅޭނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ. ޝަރުތު ފުރިހަމަވާ ފަރާތްތަކުން އެވޯޑަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، މި މަހުގެ 29 ވަނަ ދުވަހުގެ 14:00ގެ ކުރިން [email protected] އީމެއިލް މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ. އެވޯޑަށް އެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓުން (www.fishagriocean.gov.mv) ޑައުންލޯޑު ކުރެވޭނެއެވެ.





