ޓެކްސްގެ އަދަދާމެދު ހިތްހަމަނުޖެހިގެން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ކުރިން، އިއުތިރާޒުކުރާ އަދަދުގެ 100 ޕަސެންޓް ދައްކަންޖެހޭ ހާލަތްތައް ކަނޑައެޅުމަށް ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް، ރައްޔިތުންގެ މަޖިލީހުގައި ފަށައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫހެވެ.
ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކަނޑައަޅާ ޓެކްސްގެ އަދަދާމެދު އިއުތިރާޒުކޮށް، މީރާގެ ނިންމުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފުކުރާ ހާލަތްތަކުގައި، މުޅި އަދަދު ދައްކަންޖެހޭ ހާލަތްތައް ސާފުކޮށް ބަޔާންކުރުމެވެ.
އާންމު ގޮތެއްގައި ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާއިން ކަނޑައަޅާ ޓެކުހުގެ އަދަދާ ގުޅިގެން މައްސަލަ އިސްތިއުނާފު ކުރެވެނީ، އިއުތިރާޒުކުރާ އަދަދުގެ 50 ޕަސެންޓާ އެއްވަރުގެ އަދަދެއް ދެއްކުމަށް ފަހުގައެވެ.
ނަމަވެސް، މީރާއިން ކަނޑައަޅާ އަދަދުގެ ނަތީޖާއަކީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ކުރިއަށް ހިސާބުކުރާ މުއްދަތެއްގައި އުނިކުރެވޭނެ ގެއްލުމުގެ އަދަދު ކުޑަވުން ކަމަށްވާނަމަ، އެ ގެއްލުން ކުޑަވި މިންވަރާ ގުޅިގެން މީރާއަށް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
މި އިސްލާހަށް އަމަލުކުރަން ފަށާނީ ބިލު ފާސްވެ ގެޒެޓުގައި ޝާއިއުކުރާ ހިސާބުންނެވެ. އަދި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އެއާ ގުޅޭ ގަވާއިދުތަކާއި ގެންނަންޖެހޭ ބަދަލުތައް 90 ދުވަހުގެ ތެރޭގައި ގެޒެޓުގައި ޝާއިއުކުރަންޖެހޭނެއެވެ.
މި ބިލުގެ ބަހުސްގައި، ޓެކްސް ބޮޑުކޮށްގެން ދައުލަތަށް ލިބޭ ފައިސާއިން ކުރަނީ ކޮން ކަމެއްތޯ އިދިކޮޅު އެމްޑީޕީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ދައުލަތަށް ލިބޭ ފައިސާއިން ކުރާ ކަމަކީ ދަރަނި ދައްކައި، ގައުމުގެ އިގްތިސާދު ކޮޅަށް ޖެހުން ކަމަށެވެ.




