ރަސްމާލޭގައި އީގަލް ހިލްސް ކުންފުނިން ހިންގާ މަޝްރޫޢުގެ ދަށުން ދޫކުރާ ޕްރޮޕަޓީތަކުގެ ފުރިހަމަ ކޮންޓްރޯލް އަބަދުވެސް އޮންނާނީ ދިވެހި ސަރުކާރުގެ ބާރުގެ ދަށުގައި ކަމަށާއި، އެ ސަރަޙައްދުގައި ހިނގާނީ ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރެއްވުމަށް ކުރިއަށްގެންދާ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރަސްމާލޭގައި ތަރައްޤީކުރާ ޕްރޮޕަޓީތައް 99 އަހަރަށް ދޫކުރުމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، 99 އަހަރަށް ދޫކުރާ އެއްވެސް ޕްރޮޕަޓީއެއް އެހެން ފަރާތަކަށް ނުވިއްކޭނެ ކަމަށާއި، އެ މުއްދަތު ހަމަވުމުންވެސް ނުވަތަ ވިއްކާލަން ބޭނުންވި ނަމަވެސް އެތަން ވިއްކަން ޖެހޭނީ ހަމައެކަނި ދައުލަތަށް ކަމަށެވެ. އަދި މި މުޢާމަލާތްތަކުގެ ތެރެއިން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މި އިންވެސްޓްމަންޓުގެ ތެރެއިން ޑިވެލޮޕް ކުރެވޭ ޕްރޮޕަޓީސްތައް ގަންނަ ފަރާތަކުން 99 އަހަރުގެ މުއްދަތަކަށް ގަނެވެނީ. އެފަރާތުން ދެން އެތަން ޖެހޭނީ ދައުލަތަށް ދޭން. ސަރުކާރުން ދެން އެހެން ފަރާތަކަށް ވިއްކަންޏާ ވިއްކާނީ. ފުލް ކޮންޓްރޯލް މިއޮންނަނީ ދިވެހި ސަރުކާރަށް. އޮޓޯއިން (އެއްބަސްވުން) ރިނިއުވެ، އަނެއްކާ އިތުރު 99 އަހަރު ލިބި، އެކަހަލަ ކަމެއް ނޫން މިއީ،" ރައީސް ވިދާޅުވިއެވެ.
ރަސްމާލޭގައި ފުލުހުންގެ މަރުކަޒެއް ހުންނާނެ ކަމަށާއި ދިވެހި ފުލުހުން ތިބޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެ ތަނުގައި ފުލުހުންގެ މަރުކަޒެއް ނުހުންނާނެ ކަމަށް ބުނެ ދައްކާ ވާހަކަތައް ރައީސް ވަނީ ދޮގުކުރައްވާފައެވެ. އަދި މަޝްރޫޢު ނިމި، އެތަން ބޭނުންކުރަން ފަށާއިރު، ތަންފީޒުކުރާނީ އިސްލާމްދީނުގެ ހަމަތައް ކަމަށާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނާއި ޤަވާޢިދުތައް ހިނގާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.
ރައީސް ވިދާޅުވީ، މީގެކުރިން ހުޅުމާލެ ހިއްކިއިރު އެކަށީގެންވާ ރޭވުންތެރިކަމެއް ނެތުމުގެ ސަބަބުން، އެތަނުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން މުހިންމު އިންވެސްޓްމަންޓްތަކެއް އައިސްފައި ނުވާ ކަމަށެވެ. ހުޅުމާލެއަށް ބޮޑެތި އިންވެސްޓްމަންޓްތައް އަންނަން ފެށީ މީހުން ދިރިއުޅެން ފަށައި، ސިނަމާލެ ބްރިޖުގެ މަޝްރޫޢާއެކުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަމަވެސް ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދަވަނީ އެ ތަޖުރިބާގެ އަލީގައި، އެތަނުން ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި ފްލެޓުތަކުގައި ފަސޭހަކަމާއެކު ދިރިއުޅެވޭނެ ފަދަ ތަރައްޤީއާއި ބޮޑެތި އިންވެސްޓްމަންޓްތައް އެންމެ ފުރަތަމަވެސް ޤާއިމުކުރުމަށްފަހުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
އީގަލް ހިލްސް މަޝްރޫޢަކީ ކުރު މުއްދަތެއްގެ ތެރޭގައި ރަސްމާލޭގެ ތަރައްޤީ ޙަޤީޤަތަކަށް ހަދައިދޭނެ މުހިންމު މަޝްރޫޢެއް ކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢާ ގުޅިގެން ރައްޔިތުންގެ މެދުގައި ޙަޤީޤީ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ސިޔާސީ ބޭނުމަށްޓަކައި ޙަޤީޤަތް އޮޅުވާލައިގެން ބައެއް ފަރާތްތަކުން ދޮގު މަޢުލޫމާތު ފަތުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވަނީ، މި މަޝްރޫޢާ ގުޅިގެން ޙަޤީޤީ ކަންބޮޑުވުންތައް ހުރި ރައްޔިތުންނަށް ބޭނުންވާ ފުރިހަމަ މަޢުލޫމާތު ސަރުކާރުން ފޯރުކޮށްދެމުން ގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މި މަޝްރޫޢުގެ އެއްވެސް އެއްބަސްވުމެއް ޤާނޫނާއި ޤަވާޢިދުތަކާ ޚިލާފަށް ނުހަދާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
ރަސްމާލެއިން ޖުމްލަ 1,150 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާރު 716 ހެކްޓަރު ހިއްކައިފައިވެއެވެ. އީގަލް ހިލްސްގެ ބިޔަ މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ 500 ހެކްޓަރުގެ ސަރަހައްދެއްގައެވެ. ރަސްމާލެ ވޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫޢަކީ 20 ބިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ.




