ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ ގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ވޯލްޑް ކަޕް ވިއްކާލުމުގެ ޕްލޭނާއި، އެ އިދާރާ ހިންގުމާ ގުޅުންހުރި މުހިންމު މައްސަލަތަކުގެ ލިޔެކިޔުންތައް ހާމަކުރުމަށް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ ޔޫއެފާ އިން ފީފާއަށް ދެ ހަފުތާގެ މުހުލަތެއް ދީފިއެވެ.
ފީފާގެ ޖެނެރަލް ސެކްރެޓަރީ މަޓިއަސް ގްރާފްސްޓްރޯމްއަށް، ޔޫއެފާގެ ޖެނެރަލް ސެކްރެޓަރީ ތިއޮޑޯ ތިއޮޑޮރިޑިސް ފޮނުއްވި ސިޓީއާއެކު ހިމަނާފައިވާ އަށް ސަފުހާގެ ލިޔުމުގައި ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި ފީފާ ހިންގާފައިވާ ގޮތާ ގުޅޭގޮތުން 50 އަށް ވުރެ ގިނަ ސުވާލު ހިމަނާފައިވެއެވެ. މީގެ ތެރޭގައި ފީފާގެ ވިޔަފާރި ހައްގުތަކުގެ 20 އިންސައްތަ ވިއްކާލުމަށް ހުށަހެޅި ހުށަހެޅުމާއި، ފޮލަރިން ބަލޯގުންގެ މައްސަލައާއި، ޑޮނަލްޑް ޓްރަމްޕާ އޮތް ގުޅުމުގެ އިތުރުން އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގެ އިންތިޒާމުތައް ހިމެނެއެވެ. އަދި ފީފާގެ އެތެރޭގައި މަސްލަހަތު ފުށުއެރުންތަކެއް ހުރި ކަމަށް ތުހުމަތުކޮށް، މިނިވަން ގަވަނަންސް ރިވިއުއެއް ހެދުމަށް ވެސް ވަނީ ގޮވާލާފައެވެ.
ޔޫއެފާއިން މި ފިޔަވަޅު އަޅާފައި މިވަނީ، ޖުލައި މަހު ފެންމަތިވި "ފީފާ ފޯވާޑް އެންޓަޕްރައިޒް" (އެފްއެފްއީ) ގެ މައްސަލައާ ގުޅިގެން މިދިޔަ ހަފުތާގައި ޒިއުރިކްގައި ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ކުރެވުނު ސުވާލުތަކަށް އިންފަންޓީނޯ ސީދާ ޖަވާބެއް ނުދެއްވުމުންނެވެ. އޭގެ ބަދަލުގައި އޭނާ އެދިވަޑައިގަތީ އަންނަ ޑިސެމްބަރު 16 ގައި ދޯހާގައި ބާއްވާ ބައްދަލުވުމުގެ ކުރިން ސުވާލުތައް ލިޔުމުން ހުށަހެޅުމަށެވެ.
ތިއޮޑޮރިޑިސް ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައިވަނީ ފީފާއިން ދެއްވި ތަފުސީލުތަކަކީ އަސާސީ ސުވާލުތަކަށް ދެވުނު އެކަށީގެންވާ ޖަވާބުތަކެއް ނޫން ކަމަށާއި، ބައެއް ސުވާލުތަކަށް އެއްވެސް ޖަވާބެއް އަދި ލިޔެކިޔުމެއް ވެސް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން ހުރިހާ ސުވާލުތަކަށް އެކަމާ ގުޅޭ ލިޔެކިޔުންތަކާއެކު އަންނަ ނޮވެމްބަރު މަހުގެ 2 ގެ ކުރިން ލިޔުމުން ފުރިހަމަ ޖަވާބެއް ދިނުމަށް ޔޫއެފާއިން ވަނީ ރަސްމީކޮށް އެދިފައެވެ. އަދި އެއްވެސް ލިޔުމެއް ހާމަކުރަން އިންކާރުކުރާ ނަމަ އެކަމުގެ ސަބަބު ބަޔާންކުރަންޖެހޭނެ ކަމަށާއި، މި ކަންކަން ފީފާ ކައުންސިލްގެ ދެން އޮންނަ ބައްދަލުވުމަކަށް ފަސްކުރެވެން ނެތް ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ވޯލްޑް ކަޕް ގުރުއަތުލުން ލަސް ވެގަސް އިން ވޮޝިންޓަން ޑީސީއަށް ބަދަލުކުރުމާއި، މެޗުތަކުގައި ފެންބުއިމުގެ ވަގުތު ތައާރަފުކުރުމާއި، ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް 27 މިނެޓަށް ދިގުދެންމި މައްސަލައިގައި ވެސް ޔުއެފާއިން ވަނީ ސުވާލު އުފައްދާފައެވެ. އެމެރިކާގެ ރައީސްއާ ގުޅުންހުރި ފަރާތްތަކާއެކު ވެފައިވާ މާލީ މުއާމަލާތްތަކާއި ޓްރަމްޕް ޓަވަރުން އޮފީސް ކުއްޔަށް ހިފުމުގެ އިތުރުން، 2024 ވަނަ އަހަރު އިންފަންޓީނޯއަށް ރިޕޯޓުނުކުރާ އިތުރު އުޖޫރައެއް ލިބުނު ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ނަމަވެސް ފީފާއިން ވަނީ ރައީސަށް އިތުރު މުސާރައެއް ނުދޭ ކަމަށާއި ރިޕޯޓުކުރުމުގެ ހުރިހާ މިންގަނޑުތަކަށް އަމަލުކުރާ ކަމަށް ބުނެފައެވެ.
ހަމައެއާއެކު، އަންނަ މާޗު މަހު ބާއްވާ ފީފާގެ ރިޔާސީ އިންތިޚާބުގެ އިލެކްޓޯރަލް ކޮމިޓީގެ ޗެއާ ބްރޫނޯ ކިއޮމެންޓޯއާއި އިންފަންޓީނޯއާ ދެމެދު އޮތް ގާތް ގުޅުމާމެދު ވެސް ޔޫއެފާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޔޫއެފާއިން ފާހަގަކުރި ގޮތުގައި ކިއޮމެންޓޯއަކީ އިންފަންޓީނޯ ދެނެވަޑައިގަންނަވާތާ 20 އަހަރުވެފައިވާ އަދި ފީފާގެ ޚަރަދުގައި އެކި އިވެންޓްތަކަށް ވަޑައިގަންނަވާ ބޭފުޅެކެވެ. މީގެއިތުރުން ވޯލްޑް ކަޕް ފައިނަލްގެ ވީއައިޕީ ސަރަހައްދުގައި ތިބި މެހެމާނުންގެ ލިސްޓު ހާމަކުރުމަށް ވެސް ޔޫއެފާއިން ވަނީ އެދިފައެވެ.




