ސިނަމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ވާޖިބު އަދާކުރަން ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި، ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރިއިރު، މި މީހުންގެ މައްޗަށް ތުހުމަތުކުރަނީ މަސްތުވާހާލުގައި ތިބެ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އެއްގަމު އުޅަނދު ދުއްވުމެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ، އައްޑޫ ސިޓީއަށް ނިސްބަތްވާ 21 އަހަރުގެ ޒުވާނަކާއި، ގާފަރަށް ނިސްބަތްވާ 30 އަހަރުގެ ޒުވާނަކާއި، ކުޅުދުއްފުއްޓަށް ނިސްބަތްވާ 21 އަހަރުގެ ޒުވާނެއްގެ އިތުރުން، މާލެއަށް ނިސްބަތްވާ 21 އަހަރުގެ ޒުވާނެކެވެ.
ކޯޓު އަމުރުގައިވާ ގޮތުން، މި އެންމެންގެ ޔޫރިންގެ ވަގުތީ ނަތީޖާ ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.
ފުލުހުން ބުނީ، ފުލުހެއްގެ ގައިގައި ޖެއްސި ސައިކަލުގައި ތިބި ދެމީހުންގެ އިތުރުން، ހައްޔަރުކޮށްފައި ވަނީ މި އަމަލުގައި ބައިވެރިވި އިތުރު ދެ މީހެކެވެ. މި ހާދިސާ ހިނގި ވަގުތު އިތުރު ތިން ސައިކަލެއް ބައިވެރިވިކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އިތުރު ބަޔަކާއެކު ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ހައިވޭގައި ސައިކަލު ދުއްވަމުން ގޮސް، ދެ މީހުން އިން ސައިކަލު ފުލުހުން ޖަހާފައިހުރި ވީސީޕީގެ ބެރިކޭޑުގައި ޖެހި، އެތަނުގައި ހުރި ފުލުހެއްގެ ގައިގައި ޖެހި، ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައިވާކަން ފުލުހުން ވަނީ ކޯޓުގައި ފާހަގަކޮށްފައެވެ.
ބަންދު އަމުރުގައި ބުނީ، މި މީހުންގެ ބަންދަށް ކުރު މުއްދަތެއް ދީފައި ވަނީ ވަކީލެއް އައްޔަންކުރުމަށް ފުރުސަތަށް އެދުމުން ކަމަށެވެ.
އަދި މި މައްސަލައިގައި ހިމެނޭ ތިން މީހަކު، މި ހާދިސާއާ ގުޅިގެން އަނިޔާ ލިބުނު މީހަކު އޭޑީކޭ ހޮސްޕިޓަލުގައި އޮތް ކަމަށް ބުނެ، އެތަނުގައި އަޑުގަދަކޮށް އެތަނުގެ މުވައްޒަފުންނާއި ފުލުހުންނާ ހަޑިހުތުރު ބަހުން މުޢާމަލާތްކޮށް، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށް ވެސް އައިއޯ ފާހަގަކޮށްފައިވާ ކަމަށް އެ އަމުރުގައި ވެއެވެ.
މި ހާދިސާ ހިނގީ މިއަދު ފަތިހު ގާތްގަނޑަކަށް 04:29 ހާއިރު، ސިނަމާލެ ބްރިޖު ހައިވޭގެ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައެވެ. ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލު ވަނީ މަގުމަތީގައި ޖަހާފައި ހުރި ބެރިކޭޑުތަކުގައި ޖެހި، އެއާއެކު ޑިއުޓީގައި ހުރި އޮފިސަރުގެ ގައިގައި ޖެހިފައެވެ. މި ހާދިސާގައި އެ އޮފިސަރުގެ އަނގަމަތި ފަޅައިގެން ގޮސް، ދަތްތައް ބިންދައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ، މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސީ ގަސްދުގައި ކަމަށް ތަހުގީގަށް މިހާތަނަށް ބެލެވޭ ކަމަށް ޕޮލިސް ކޮމިޝަނަރު އަހްމަދު މުހައްމަދު މިއަދު ވަނީ ވިދާޅުވެފައެވެ.




