ޅ. ނައިފަރަށް ނިސްބަތްވާ 106 އަހަރުގެ ފިރިހެނަކު މިއަދު ނިޔާވެއްޖެއެވެ.
މިއަދު ނިޔާވެފައިވަނީ ޅ. ނައިފަރު، ދީދާރުގޭ، އަބްދުﷲ އާދަމެވެ. އޭނާ ރާއްޖޭގައި އެންމެ އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ހިމެނޭ މީހަކެވެ.
ކަށުނަމާދު ޕޭޖުން ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން، އޭނާގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ މިއަދުގެ މަޣްރިބް ނަމާދަށްފަހު، ޅ. އުނގޫފާރުގެ މަސްޖިދުއް ދުކްތޫރު އަފްރާޝީމް އަލީ މިސްކިތުގައެވެ.
ރާއްޖޭގައި ހުރި އެންމެ ދުވަސްވީ މީހާގެ ގޮތުގައި ފަހުގެ ތާރީޚެއްގައި ރަސްމީ ލިޔެކިޔުންތަކުގައި ފާހަގަކޮށްފައިވަނީ، އުމުރުން 110 އަހަރުގެ މީހެކެވެ. އެއީ ސ. ހިތަދޫ މަންޒަރުގޭ، އަލީ ހުސައިނެވެ. އުމުރުން 110 އަހަރުގެ އޭނާ ނިޔާވީ 2023ގައެވެ.
ނޭޝަނަލް ސްޓޭޓިސްޓިކްސްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އަންނަނީ އިތުރުވަމުންނެވެ.




