ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ހުޅުމާލޭ ސިންތެޓިކް ޓްރެކް، ޕީޔޫ (ޕޮލިއުރެތޭން) ޓްރެކަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ކުރިން ހާމަކުރެއްވި ގޮތުގައި، ހުޅުމާލޭގައި މިހާރު ބޭނުންކުރާ ޓްރެކަކީ ވޯލްޑް އެތުލެޓިކްސްގެ މިންގަނޑަށް ފެތޭ ތަނެއް ނޫނެވެ. އެހެންކަމުން ދިވެހި އެތުލީޓުން ޤައުމީ ރެކޯޑުތައް ޤާއިމުކުރި ނަމަވެސް، ބައިނަލްއަޤްވާމީ ފެންވަރުގައި އެ ރެކޯޑުތައް ބަލައިނުގަނެއެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ފެށި މި މަޝްރޫއަށް ބޭނުންވާ ތަކެތި އޯޑަރުކޮށް، ފަންނީ ދިރާސާތަކާއި ކުރެހުންތައް ވަނީ ނިންމާފައެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ޓްރެކްގެ މަސައްކަތް އެއްކޮށް ނިންމައި، އެތުލީޓުންނަށް ބޭނުންކުރެވޭނެ ގޮތް ހެދުމެވެ.




