2 މިލިއަނަށްވުރެ ގިނަ ސޫދާ ފީފާގެ ސާމް ކަނޑުތެޔޮ އުފުލަމުންދިޔަ ސުޕަޓޭންކަރެއް ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރަނިކޮށް ކަނޑުމީނެއްގައި (ނޭވަލް މައިން) ޖެހި، ވަރުގަދައަށް ގޮވައި ބޮޑު އަލިފާންގަނޑެއް ރޯވެއްޖެ ކަމަށް އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ނޭވީން ހާމަކޮށްފިއެވެ.
އައިއާރުޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އުޅަނދަކީ އައިޑެންޓިފިކޭޝަން އަދި ރާޑަރު ނިޒާމުތައް ނިއްވާލައިގެން، އިރާނުގެ ހުއްދަނެތި "ޣައިރުގާނޫނީ" މަގަކުން އެމެރިކާގެ އަސްކަރިއްޔާގެ އެހީތެރިކަމާއެކު ދަތުރުކުރަން އުޅުނު އުޅަނދެއް ކަމަށެވެ.
މި ހާދިސާގައި އުޅަނދަށް ލިބުނު ގެއްލުމުގެ ތަފްސީލާއި، މީހަކަށް އަނިޔާވިކަން ނުވަތަ މަރުވިކަމުގެ ތަފްސީލެއް އައިއާރުޖީސީން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އައިއާރުޖީސީން ވަނީ ހުރުމުޒު ކަނޑުއޮޅި ބަންދުކުރެވިފައިވާ ކަން ތަކުރާރުކޮށް، އިރާނުގެ ގަވާއިދުތަކާ ޚިލާފަށް އެ ސަރަހައްދުން ދަތުރުކުރަން އުޅޭ އުޅަނދުފަހަރަށް ކުރިމަތިވާނެ ނަތީޖާއަކީ އެމެރިކާގެ އަސްކަރިއްޔާއަށް ކުރާ އިތުބާރުގެ ނަތީޖާއެއްގެ ގޮތުން އަނދައި އަޅިއަށްވުން ކަމަށް ބުނެ އިންޒާރު ދީފައެވެ. މި ހާދިސާއާއެކު ދުނިޔޭގެ ހަކަތައިގެ މައި މަގު ކަމަށްވާ ހުރުމުޒު ކަނޑުއޮޅީގެ ކަނޑުމަތީގެ ސަލާމަތީ މަސްރަހު ވަނީ އިތުރަށް ނުރައްކާތެރި ދަރަޖައަކަށް ގޮސްފައެވެ.




