ހޮރްމޫޒް ކަނޑުއޮޅީގައި ސުޕަރޓޭންކަރަކަށް އީރާނުގެ އައިއާރުޖީސީ އިން ޙަމަލާދީފި

ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ސުޕަރޓޭންކަރަކަށް ޙަމަލާދީފައިވާކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފިއެވެ.

އައިއާރުޖީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ބޯޓަށް ޙަމަލާދިނީ "ހުއްދަނެތް" މަގަކުން ދަތުރުކުރުމުގެ އިތުރުން، ބޯޓުގެ ލޮކޭޝަން އަންގައިދޭ ޓްރާންސްޕޮންޑަރ ނިއްވާލައިގެން ދަތުރުކުރުމުން ކަމަށެވެ.

އަދި އީރާނުގެ ކަނޑުގެ ސިފައިން ދިން އިންޒާރުތަކަށް އެ ބޯޓުން ބީރުކަންފަތެއް ދީފައިވާކަމަށްވެސް ވަނީ ބުނެފައެވެ. މި ޙަމަލާގެ ސަބަބުން ބޯޓުގައި ވަނީ އަލިފާން ރޯވެފައެވެ.

މިދިޔަ ހަފްތާބަންދުގައި އައިއާރުޖީސީގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރު ޢަލީ އޮޒްމާއި ވަނީ، ޓްރާންސްޕޮންޑަރ ނިއްވާލައިގެން ދަތުރުކުރާ ކޮންމެ ބޯޓަކީ ދުޝްމަނެއް ކަމަށް ބަލައި ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތުގެ މެރިޓައިމް އެޖެންސީ (ޔޫކޭއެމްޓީއޯ) އިން ބުނެފައިވާ ގޮތުގައި، އާދީއްތަ ދުވަހު އެކަނިވެސް ހޮރްމޫޒް ކަނޑުއޮޅީގައި 4 ބޯޓަކަށް ވަނީ ޙަމަލާދީފައެވެ.

ރިއެކްޝަންސް

ކޮމެންޓް