ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން

ޕާކިސްތާނުގެ ޖަލެއްގައި ބަންދުކޮށްފައިވާ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ހާލުކޮޅާމެދު އޭނާގެ ފިރިހެން ދަރިކަލުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

 އިމްރާން ޚާން ޖަލުގައި ހުންނެވި ހާލަތާއި، އޭނާގެ ސިއްހީ ހާލުކޮޅާމެދު އާއިލާއިން ދަނީ ބޮޑެތި ކަންބޮޑުވުންތަކެއް ހާމަކުރަމުންނެވެ.

އިމްރާން ޚާންގެ ދަރިކަލުން ވިދާޅުވި ގޮތުގައި، ޖަލުގައި އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބުމުގެ އިތުރުން، އާއިލާއާއި ގާނޫނީ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ވެސް ދަނީ ވަރަށް ބޮޑަށް ހަނގުރުކުރެވެމުންނެވެ. އަދި އެކަހެރިކޮށް ބަންދުކޮށްފައި ބެހެއްޓުމުގެ ސަބަބުން ސަލާމަތާއި ފުރާނަފުޅަށް ނުރައްކާވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށާއި، ކޮންމެ ހާލަތެއްގައިވެސް އިންސާނީ އަސާސީ ހައްގުތައް ހިފަހައްޓަންޖެހޭނެ ކަމަށް އާއިލާއިން ބުނެއެވެ.

އިމްރާން ޚާން އިތުބާރު ނެތްކަމުގެ ވޯޓަކުން ވެރިކަމުން ދުރުކުރެވުނު ފަހުން އޭނާގެ މައްޗަށް ސިޔާސީ މަގުސަދެއްގައި ގިނަ ދައުވާތަކެއް އުފުލާފައިވާ ކަމަށް އޭނާގެ ޕާޓީ، ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އިން ބުނެއެވެ.

އިމްރާން ޚާން މިހާރު ގެންދަވަނީ ކޮރަޕްޝަނާއި ދައުލަތުގެ ސިއްރުތައް ހާމަކުރުމުގެ ތުހުމަތުގައި އިއްވާފައިވާ ޖަލު ހުކުމްތަކެއް ތަންފީޒު ކުރައްވަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް