ޗައިނާގައި ބާއްވާ ބައިނަލްއަގުވާމީ ފުޓްސަލް މުބާރާތުގައިވެސް ޤައުމީ ޓީމަށް އިރުޝާދު ދޭނީ ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ ބައިނަލްއަގުވާމީ ފުޓްސަލް މުބާރާތުގައިވެސް ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމަށް އިރުޝާދު ދޭނީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކޯޗު ފާރޫކް ޒަކީރޯވް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އަނެއްކާވެސް ރާއްޖޭގެ ފުޓްސަލް ޓީމަށް ކޯޗުކަން ކޮށްދޭން ޒަކީރޯވް ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. މިވަގުތު އެހެން މަސައްކަތެއް ކުރަމުން ގެންދާތީ، ޒަކީރޯވް ޓީމާ ގުޅޭނީ މުބާރާތަށް ދާއިރު ޗައިނާއިންނެވެ. އެހެން ނަމަވެސް ޤައުމީ ޓީމުން މިހާރު ފަރިތަކުރުންތައް ކުރިއަށްގެންދަނީ ކޯޗުގެ އިރުޝާދާ އެއްގޮތަށެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފައިވާ ގޮތުގައި، ލީގު އުސޫލުން ކުޅޭ މި މުބާރާތުގައި ރާއްޖެއާއެކު ވާދަކުރާނީ މުބާރާތް ބާއްވާ ޗައިނާގެ އިތުރުން ދެކުނު ކޮރެއާ އަދި ހޮންގް ކޮންގެވެ. މުބާރާތް ބާއްވާނީ ޗައިނާގެ ޔިންޗުއާންގައި ހުންނަ ލިންގްވޫ ސްޕޯޓްސް ސެންޓަރުގައެވެ.

މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗު ކުޅޭނީ ނޮވެންބަރު 5 ވަނަ ދުވަހު ދެކުނު ކޮރެއާއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ނޮވެންބަރު 7 ވަނަ ދުވަހު ހޮންގް ކޮންގާ ދެކޮޅަށް ނުކުންނައިރު، ފަހު މެޗުގައި ނޮވެންބަރު 9 ވަނަ ދުވަހު ރާއްޖެއިން ބައްދަލުކުރާނީ ޗައިނާއާއެވެ.

ފީފާގެ ފުޓްސަލް ރޭންކިންގައި މި މުބާރާތުގައި ވާދަކުރާ އެންމެ ރޭންކިން މަތީ ޓީމަކީ 66 ވަނައިގައި އޮތް ދެކުނު ކޮރެއާއެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރުމަށްފަހު އެންމެ މަތިން ޕޮއިންޓު ލިބޭ ޓީމަކަށް މުބާރާތުގެ ޗެމްޕިއަންކަން ލިބޭނެއެވެ.

ޒަކީރޯވްއަކީ ކުރިން އުޒްބެކިސްތާނުގެ ޤައުމީ އަންހެން ފުޓްސަލް ޓީމާއި، އުޒްބެކިސްތާނުގެ ނެފްޗީ ފުޓްސަލް ކްލަބުގެ ކޯޗުކަމުގައިވެސް މަސައްކަތްކޮށްފައިވާ ކޯޗެކެވެ.

މިދިޔަ އަހަރަކީ ރާއްޖޭގެ ފުޓްސަލް ތާރީހުގައިވެސް އެންމެ ކާމިޔާބު އަހަރެވެ. ސާފްއިން ބޭއްވި ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއިން ހޯދީ އިންޑިއާ، ޕާކިސްތާން، ބޫޓާން، ނޭޕާލް އަދި ބަންގްލަދޭޝް ހިމެނޭ ގޮތަށް ސަރަހައްދުގެ ހުރިހާ ޤައުމެއް ބަލިކޮށްގެންނެވެ.

މީގެ ކުރިން ރާއްޖެއިން 2017 ވަނަ އަހަރު އޭއެފްސީ ފުޓްސަލް މުބާރާތުގެ ކޮލިފިކޭޝަންގައި ޗައިނާއާ ދެކޮޅަށް ވާދަކުރިއިރު، ރާއްޖެ ބަލިވީ 9-3 އިންނެވެ.

ރިއެކްޝަންސް

ކޮމެންޓް