އިންގްލެންޑް މެޗުގެ ކުރިން ހޮޓާ ބަދަލުކުރަން ޖެހި ނޯވޭގެ ކެމްޕަށް ބޮޑު ގޮންޖެހުމެއް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި އިންގްލެންޑާ ދެކޮޅަށް ކުޅޭ ތާރީޚީ މެޗުގެ ދުވަސްކޮޅެއް ކުރިން، ނޯވޭ ގައުމީ ޓީމު މިއާމީގައި މަޑުކޮށްގެން ތިބި ހޮޓާ ކުއްލި ގޮތަކަށް ބަދަލުކުރަން ޖެހި، ޓީމުގެ ތައްޔާރީތަކަށް ބޮޑު ބުރޫއެއް އަރައިފިއެވެ. މިއީ މިއާމީއަށް ޓީމު ދިޔަތާ އެންމެ ރެއެއްގެ ފަހުން ނިންމި ކުއްލި ނިންމުމެކެވެ.

މިއާމީގެ ފޯޓް ލޯޑަޑޭލްގައި ހުންނަ ފަސްތަރީގެ "ދަ ޑަލްމާ" ހޮޓަލަށް ނޯވޭ ޓީމު ދިޔުމަށްފަހު، ކުޅުންތެރިން ވަނީ އެތަނުގެ މާހައުލާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ހޮޓާ ހުންނަ ސަރަހައްދުގެ ބޮޑު މަގުން އިވޭ ޓްރެފިކްގެ އަޑުގަދަވުމާއި، ހޮޓާ ކައިރީގައި ކުރިއަށްދާ ކޮންސްޓްރަކްޝަން ސައިޓެއްގެ ސަބަބުން ކުޅުންތެރިންނަށް އެދެވޭ ގޮތެއްގައި އަރާމުކުރަން ވަނީ އުނދަގޫވެފައެވެ. މީގެ އިތުރުން ބައެއް ކޮޓަރިތަކުގެ ސާފުތާހިރުކަން ކުޑަވުމާއި، ޓީމުގެ އެއްބައިވަންތަކަމަށް ބޭނުންވާ ވަސީލަތްތައް މަދުވުންވެސް ފާހަގަކުރެވުނެވެ.

މި މައްސަލަ ނޯވޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން ފީފާ  އަށް ހުށަހެޅުމާ ގުޅިގެން، ފީފާގެ އެހީތެރިކަމާއެކު އެންމެ ދެ ގަޑިއިރާއި ބައިގެ ތެރޭގައި މުޅި ޓީމު ވަނީ މެޗު ކުޅޭ "ހާޑް ރޮކް ސްޓޭޑިއަމް" އާ ކައިރީގައި ހުރި މާ ހަމަހިމޭން އެހެން ހޮޓަލަކަށް ބަދަލުކޮށްފައެވެ. މި ބަދަލާ ގުޅިގެން ހިނގާ އިތުރު ޚަރަދުތައް ހަމަޖައްސަނީ ނޯވޭގެ އެފްއޭއިންނެވެ.

ހޮޓަލުގެ މި ހަލަބޮލިކަމުގެ އިތުރުން، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ނޯވޭ ކެމްޕުގެ ބައެއް ކުޅުންތެރިންގެ މެދުގައި ރޯގާއެއް ފެތުރި، ޓީމަށް ވަނީ އިތުރު ހާސްކަމެއް ކުރިމަތިވެފައެވެ. ނަމަވެސް ކޯޗު ސްޓާލް ސޮލްބާކެން ބުނި ގޮތުގައި ބަލިވި ކުޅުންތެރިން މިހާރު ދަނީ ރަނގަޅުވަމުންނެވެ.

"މިފަދަ ވަގުތެއްގައި ހޮޓާ ބަދަލުކުރުމަކީ ބުރަ ކަމެއް. އެކަމަކު މިއީ ކުޅުންތެރިން އެންމެ ބޭނުންވި ގޮތް. އަހަރެމެން މިއުޅެނީ އެމެރިކާގައި ހަ ހަފުތާ ހޭދަކޮށް، ނޯވޭގެ ފުޓްބޯޅަ ތާރީޚުގައި ކުޅޭނެ އެންމެ ބޮޑު މެޗަށް ތައްޔާރުވާން. އެހެންވީމާ މާހައުލު ރަނގަޅުވުން ވަރަށް މުހިންމު." ނޯވޭ ޓީމުގެ އޮފިޝަލު ބުނެއެވެ.

ބްރެޒިލް އަދި އައިވަރީ ކޯސްޓް ބަލިކޮށް، ތާރީހުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ނޯވޭ ޓީމުން، ހޮނިހިރު ދުވަހުގެ ރޭ އިންގްލެންޑާ ދެކޮޅަށް ނުކުންނާނީ މި ހުރިހާ ގޮންޖެހުންތަކަކާއެކުވެސް ސެމީ ފައިނަލުގެ ޖާގައެއް ހޯދުމުގެ އަޒުމުގައެވެ.

ރިއެކްޝަންސް

ކޮމެންޓް