ނަޞްރުގެ ދުވަހުގެ ޖިހާދުން އިބުރަތް ލިބިގަންނަންޖެހޭ: ރައީސް މުޢިއްޒު

ދިވެހި ފަސްގަނޑުގެ މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިން ދެއްކެވި ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ފަޚުރުވެރި ދިވެހި ސިފައިންނަށާއި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި ނަޞްރުގެ ދުވަހާ ގުޅުވައިގެން ޚާއްޞަ ޅެންބައިތެއްވެސް ހިމަނުއްވާފައިވެއެވެ. އެއީ؛ "ކިޔާ ދޫތަކުން މީ ޝުކުރުވެރި ތަރާނާ ޝަހީދުންގެ ޒިކުރާގެ މަތިވެރި ފަސާނާ ހިޔާ ފެތުރުވީ ރީތި މިނިވަން އަމާނާ ފިދާކޮށް މި ވަޠަނަށްޓަކާ ރޫޙު ޖާނާ" މިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ، މި ލޮބުވެތި ޤައުމުގެ ދިފާޢުގައި ޖާނާއި ރޫޙުން ފިދާވެ ޝަހީދުވެގެންދިޔަ މާތް އަބްޠާލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ހެޔޮ ދުޢާކުރައްވަމުންނެވެ.

ދިވެހިރާއްޖޭގައި ނަޞްރުގެ ދުވަސް ފާހަގަކުރަނީ 3 ނޮވެންބަރު 1988 ގައި ދިވެހި ޤައުމަށް ލިބުނު މަތިވެރި ނަޞްރުގެ ހަނދާންތައް އާކުރުމުގެ ގޮތުންނެވެ. އެ ދުވަހަކީ ދިވެހީންގެ ތެރެއިން ޚާއިނުންގެ ބަޔަކު، ލަންކާގެ ތަމިޅަ ހަނގުރާމަވެރި ޖަމާޢަތަކާ ގުޅިގެން މާލެއަށް އަރައި، އޭރު އޮތް ޤާނޫނީ ސަރުކާރު ވައްޓާލުމަށް ޢުދުވާނީ ޙަމަލާތަކެއް ދިން ދުވަހެކެވެ.

މި ޢުދުވާނީ ޙަމަލާތަކުގައި ޤައުމުގެ ދިފާޢުގައި ތިބި ސިފައިންގެ 8 ބޭކަލުންނާއި އާންމު ރައްޔިތުންގެ 11 ބޭފުޅުން ހިމެނޭހެން ޖުމްލަ 19 ދިވެހިން ވަނީ ޝަހީދުވެފައެވެ.

ރިއެކްޝަންސް

ކޮމެންޓް