މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން، ކަނޑުމަގުން މުދަލާއެކު ހުރި ގޮތަށް ކްލިއާކުރާ ފުލް ކޮންޓެއިނަރު ލޯޑް (އެފްސީއެލް) ކޮންޓެއިނަރުތައް ކްލިއާކުރުމުގެ ހިދުމަތް ތިލަފުށި ކާގޯ ޓާމިނަލްގައި މިއަދު ފަށައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ މިއަދުން ފެށިގެން އެފްސީއެލް ކޮންޓެއިނަރުތަކުގެ މަސައްކަތް ކުރާނީ ތިލަފުށި ކާގޯ ކްލިއަރެންސް ޓާމިނަލުން ކަމަށެވެ. މިއީ ތިލަފުށީގައި ތަރައްޤީކުރާ އައު ޕޯޓުން އާންމު ވިޔަފާރިވެރިންނަށާއި އޮޕަރޭޓަރުންނަށް ޚިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ.
ތިލަފުށީގައި މި ހިދުމަތް ފެށީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން އެ ރަށުގައި ހެދި 100 މީޓަރުގެ ކީވޯލްގެ ސަރަހައްދުގައެވެ.
އެމްޕީއެލުން އެންމެ ފުރަތަމަ ފެށީ ޑައިރެކްޓް ޑެލިވަރީ ގެ ގޮތުގައި އެފްސީއެލް ކޮންޓެއިނަރު ކަނޑުމަގުން ކްލިއާކުރުމާއި، މުދާ ހުސްކޮށްފައި ގެންނަ ކޮންޓެއިނަރު ބޭލުމުގެ ހިދުމަތެވެ. އެހެންނަމަވެސް، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ޑީއާރްގެ ގޮތުގައި މީގެ ފަހުންވެސް މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން ކްލިއާކުރެވޭނެއެވެ.
މުދާ ކްލިއާކޮށްދިނުމުގެ ހިދުމަތް ދޭނެ ގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 9:00 އިން ހަވީރު 16:30 އަށެވެ. ކަސްޓަމްސް އިންސްޕެކްޝަންގެ ހިދުމަތް ދޭ ގަޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށެވެ.
މި ހިދުމަތްތައް ހޯދާ ފަރާތްތަކުގެ ދަތުރުފަތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން ފެރީ ދަތުރުތައް ވެސް ވަނީ ތާވަލުކޮށްފައެވެ. އެގޮތުން މާލޭ ނޯތު ހާބަރު ޖެޓީން ތިލަފުއްޓަށް ފުރާނީ ހެނދުނު 8:00، މެންދުރު 13:00 އަދި ހަވީރު 16:15 ގައެވެ. އަދި ތިލަފުށީ ޕޯޓް ފެރީ ޖެޓީން މާލެއަށް ފުރާނީ ހެނދުނު 11:00، މެންދުރުފަހު 15:00 އަދި ހަވީރު 17:00 ގައެވެ.
މި ހިދުމަތް ފެށުމާ ގުޅޭގޮތުން އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ހުސައިން ޝަފީޤު ވިދާޅުވީ، މާލެއާއި ހުޅުމާލޭ ބަނދަރުގައި ދޯނިފަހަރަށް މުދާ ބަރުކުރުމުގައި ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހިފައިވީ ނަމަވެސް، ތިލަފުށީ ޕޯޓުން ކޮންޓެއިނަރު ދޫކުރަން ފެށުމުން މުދާ ކްލިއަރކުރުމުގެ މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
ޝަފީޤު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ކޮންޓެއިނަރުތައް ކަނޑައިގެން "ލެސް ދެން ކޮންޓެއިނަރު ލޯޑް" (އެލްސީއެލް) ކާގޯ ދޫކުރުމުގެ ހިދުމަތްވެސް ތިލަފުށީން ފޯރުކޮށްދޭނެ ކަމަށެވެ. އަދި މި މަސައްކަތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ފަރާތުން ލިބުނު އެއްބާރުލުން އޭނާ ފާހަގަކުރެއްވިއެވެ.
ތިލަފުށި ބަނދަރުގައި އެންމެ ފުރަތަމަ ތަރައްޤީކުރާ 375 މީޓަރުގެ ކީވޯލްގެ މަސައްކަތް ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އިން ދަނީ ކުރަމުންނެވެ. އެ ކީވޯލްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މުޅިން ނިންމާލުމަށް ވަނީ އަމާޒު ހިފައިފައެވެ.
ތިލަފުށީގައި ގާއިމުކުރެވޭ 60 ހެކްޓަރުގެ ޖާގައިގެ މި ބަނދަރު ހުޅުވޭއިރު އަހަރަކު 390،000 ޓީއީޔޫ ކެޕޭސިޓީގައި ކޮންޓެއިނަރު ގެންގުޅުމުގެ ޖާގަ ހެދޭނެއެވެ. އަދި މުޅި މަޝްރޫޢު ނިމިގެންދާއިރު މި އަދަދު އަހަރަކު 1.8 މިލިއަން ޓީއީޔޫ އަށް އިތުރުކުރެވޭނެއެވެ.
ރާއްޖެއަށް އެތެރެކުރާ މުދަލުގެ ބޮޑުބައެއް ކްލިއަރކުރާ މާލޭ ބަނދަރަކީ 1986 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ތަނަކަށްވާއިރު، 2015 ވަނަ އަހަރުން ފެށިގެން އެތަނުގައި ޚިދުމަތް ދެމުންދަނީ ކެޕޭސިޓީއަށްވުރެ ތިންގުނަ އިތުރަށެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ބައްލަވައިލެއްވުމަށް މިމަހުގެ އެއްވަނަ ދުވަހު ތިލަފުއްޓަށް ވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި އަންނަ އަހަރުގެ ނޮވެމްބަރު 11 އަށް ނިންމައި ހުޅުވާނެއެވެ.




