ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނީ، އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ބޯ ވިއްސާރަ ވިލާތައް އަތޮޅުތަކުގެ މައްޗަށް ޖެހެމުންދާ ކަމަށެވެ. މީގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.

އަދި ކުރިއަށް އޮތް ތިން ދުވަހުވެސް، ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ބުނެފައިވެއެވެ.

މީގެ އިތުރުން، މޫސުން ގޯސްވުމުގެ ސަބަބުން ހިނގާފާނެ ހާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، ގޭގެއަށް ފެން ނުވަންނާނެހެން ދޮރުމަތީގައި ވެލިބަސްތާ ފަދަ ތަކެތި ޖެހުމަށާއި، ކާބޯތަކެތި އަދި އަގުބޮޑު މުދާ ފެނުގެ އަސަރު ނުފޯރާނެ ފަދަ އުސް ތަންތަނަށް ބަދަލުކުރުމަށް އެދިފައިވެއެވެ.

ވައިގަދަވުމުގެ ސަބަބުން ފުރާޅު އެއްލާލަފާނެ ބިރު އޮތްނަމަ އެކަން ހައްލުކުރުމަށާއި، ބޭރުގައި ހުންނަ ތަކެތި ރައްކާތެރިކޮށް، ބޭނުންނުކުރާ ކަރަންޓު ސާމާނުތައް ނިއްވާލާފައި ބެހެއްޓުމަށްވެސް އެންޑީއެމްއޭއިން އެދިފައިވެއެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި ކަނޑުމަގުން ކުރާ ދަތުރުތައް މަޑުޖައްސާލުމަށާއި، ބޭނުންވާ ކާބޯތަކެތި ހުސްނުވާނެހެން ދުރާލައި އިންތިޒާމުކުރުމަށްވެސް އެ އޮތޯރިޓީން އެދިފައިވެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވެސް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ. އެމްއެންޑީއެފުން އެދިފައިވަނީ ދަތުރަށް ފުރުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކޮށް، ކަމާބެހޭ ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމަށްފަހު ނޫނީ ދަތުރު ނުފެށުމަށެވެ.

އަދި އުޅަނދުފަހަރުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ސަލާމަތީ ވަސީލަތްތައް ރަނގަޅަށް ހުރިތޯ ޗެކްކުރުމަށާއި، މުދާ އުފުލާ އުޅަނދުތަކުގައި އެކަށީގެންވާ މިންވަރަށްވުރެ އިތުރަށް މުދާ ބަރުނުކުރުމަށްވެސް އެމްއެންޑީއެފުން އެދިފައިވެއެވެ.

މީގެ އިތުރުން ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސްގެ ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށާއި، މެޓުން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ކަނޑުދަތުރު ނުކުރުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވެއެވެ.

ރިއެކްޝަންސް

ކޮމެންޓް