ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. ބިލު މަޖިލީހަށް ބަލައިގަނެ، މިހާރު އޮތީ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައެވެ.
މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި، ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ނޮވެމްބަރު 30 ގެ ނިޔަލަށެވެ. ޚިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ނޮވެމްބަރު 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޖުޑީޝަރީ ކޮމިޓީއަށް މެއިލް ކުރުމަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިއުމުން ފޮނުވުމަށް މަޖިލީހުގެ އިދާރާއިން ވަނީ އެދިފައެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ، ޖިނާޢީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މާލީ މަންފާގެ ބޭނުންކުރުން ހުއްޓުވުމާއި، ނުޙައްޤުން ހޯދާ މުދާ ދައުލަތަށް ނަގައި އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމެވެ. ބިލުގެ ދަށުން ކުށްކޮށްގެން ހޯދާ މުދަލާއި ކުށްކުރަން ބޭނުންކުރާ މުދާ ވެސް ދައުލަތަށް ނެގޭނެއެވެ.
ދައުލަތަށް މުދާ ނެގޭނެ ކުށްތަކުގެ ތެރޭގައި މަނީލޯންޑަރިންގ، ޓެރަރިޒަމާ ގުޅުންހުރި ކުށްތައް، މީހަކު މެރުން، މަސްތުވާތަކެތި، މީހުން އަދި ހަތިޔާރު ޓްރެފިކްކުރުން، އެކްސްޕްލޮއިޓޭޝަންގެ އަމަލު އެކުލެވޭ ޖިންސީ ކުށްތައް، ކައުންޓަރފިޓްކުރުން، ކޮރަޕްޝަން އަދި އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތައް ހިމެނެއެވެ. މީގެ އިތުރުން، ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކުގެ ތެރެއިން 500،000 ރުފިޔާއިން މަތީގެ އަދަދު ހިމެނޭ ކުށްތަކާއި، ފޭރުމާއި ވައްކަމާއި ޚިޔާނާތާއި މުދާ ސްމަގަލްކުރުން ފަދަ ކުށްތަކުގެ ތެރެއިން 100،000 ރުފިޔާއިން މަތީގެ އަދަދު ހިމެނޭ ކުށްތަކުގައި ވެސް މުދާ ދައުލަތަށް ނެގޭނެއެވެ.
ބިލުގައިވާ ގޮތުން، މިފަދަ ކުށްތައް ރާއްޖެއިން ބޭރުގައި ކުރި ނަމަވެސް، ނުވަތަ ޤާނޫނު ވުޖޫދަށް އައުމުގެ ކުރިން ކުރި ނަމަވެސް، އާ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ. ކުށުގެ ތުހުމަތުވާ ފަރާތުގެ މައްޗަށް ކުށް ސާބިތުވިޔަސް ނުވިޔަސް، ކުށްކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގޭނެއެވެ. މުދާ ނެގުމުގެ ކަންކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އިރުޝާދުތަކަށް ރިޢާޔަތްކުރަން ޖެހޭނެއެވެ.
ޤާނޫނަށް ޢަމަލުކުރާތާ 30 ދުވަހުގެ ތެރޭގައި "އެސެޓް މެނޭޖްމަންޓް އޮތޯރިޓީ" ގެ ނަމުގައި މިނިވަން އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަން ޖެހޭނެ ކަމަށާއި، 60 ދުވަހުގެ ތެރޭގައި "ރިކަވަރޑް އެސެޓް ފަންޑެއް" ޤާއިމުކުރާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.




