ފޯލިކް އެސިޑް ހުސްވެފަ ނުވާ ކަމަށް ސްޓޭޓްފާމާ އިން ބުނެފި

މާލޭގައި ފޯލިކް އެސިޑް ހުސްވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން، ރާއްޖޭގައި އެ ބޭސް ހުސްވެފަ ނުވާ ކަމަށް ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓްފާމާ) އިން ބުނެފިއެވެ.

ސްޓޭޓްފާމާގެ މީޑިއާ އޮފިޝަލަކު ބުނީ، ސްޓޭޓްފާމާގެ މައި ސްޓޮކްގައާއި، ކުންފުނީގެ އެކި ބޭސް ފިހާރަތަކުން ފޯލިކް އެސިޑް ލިބެން ހުންނާނެ ކަމަށެވެ.

"ރާއްޖެއިން މި ބޭސް ހުސްނުވާ ކަމުގެ ފުރިހަމަ ޔަގީންކަން މި ފުރުސަތުގައި އަރުވަން" އެ އޮފިޝަލް ބުންޏެވެ.

މީގެ އިތުރުން، ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ބޭނުންވާ އަސާސީ ބޭސްތައް، އެއްވެސް ދަތިކަމެއް ނެތި މެދުނުކެނޑި ފޯރުކޮށްދިނުމުގައި ސްޓޭޓްފާމާ އަބަދުވެސް ދެމިއޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ސްޓޭޓްފާމާއަކީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވުޖޫދުކޮށްފައިވާ ކުންފުންޏެކެވެ. މީގެ ކުރިން އެސްޓީއޯގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އައި ހުރިހާ ފާމަސީތަކާއި މުވައްޒަފުން މިހާރު ވަނީ އެ ކުންފުނީގެ ދަށަށް ބަދަލުކޮށްފައެވެ.

ރިއެކްޝަންސް

ކޮމެންޓް