ގަރާރަށް ބަހުސްކުރުމުގެ ކުރިން ވޯޓަށް އަހާ ގޮތަށް ގަވާއިދަށް ގެންނަ އިސްލާހު ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން، އެ ގަރާރެއް މަޖިލީހަށް ބަލައިގަތުމާމެދު ވޯޓަށް އަހާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެންނަ އިސްލާހު، މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ ގަވާއިދުގެ 191 ވަނަ މާއްދާއަށް މި އިސްލާހު ހުށަހެޅުއްވީ، ވެރިކަންކުރާ ޕީއެންސީއަށް ތާއީދުކުރައްވާ، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.

ގަވާއިދުގެ 191 ވަނަ މާއްދާގައި މިހާރު އޮންނަނީ، ގަރާރުތަކުގެ މައްޗަށް ހިނގާނީ އާންމު ގޮތެއްގައި ބިލުތަކުގެ މައްޗަށް ހިނގާ އުސޫލު ކަމަށެވެ. އެގޮތުން މިހާތަނަށް އަމަލުކުރަމުން އައީ، މެންބަރަކު ގަރާރެއް ހުށަހެޅުމުން، ފުރަތަމަ ކިޔުން އިއްވުމަށްފަހު އިބްތިދާއީ ބަހުސް ކުރިއަށްގެންގޮސް، އެއަށްފަހު ގަރާރު މަޖިލީހަށް ބަލައިގަނެ ކަމާބެހޭ ކޮމިޓީއަކަށް ފޮނުވާ ގޮތަށެވެ.

ނަމަވެސް ކޮމިޓީން ފާސްކުރި އިސްލާހުގައިވާ ގޮތުން، ގަރާރަކަށް އިބްތިދާއީ ބަހުސް ފެށޭނީ، އެ ގަރާރެއް މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އަހައި ފާސްވެއްޖެނަމައެވެ. މަޖިލީހުން ގަރާރު ބަލައިނުގަތުމަށް ނިންމައިފިނަމަ، އެއްވެސް ބަހުސަކާ ނުލައި އެ ގަރާރު ބާތިލުވާނެއެވެ.

މި އިސްލާހާއެކު، ކުއްލި މައްސަލަތަކާ އެއްގޮތަށް، ގަރާރަކަށް ބަހުސްކުރުމުގެ ފުރުސަތު ދިނުމާއި ނުދިނުމުގެ އިހުތިޔާރު، މަޖިލީހުގައި އެއިރަކު މެޖޯރިޓީ އޮންނަ ފަރާތަކަށް ލިބިގެންދާނެއެވެ. އަދި ބޭނުންވެއްޖެނަމަ، ބަހުސަކާ ނުލައި ގަރާރު މަޖިލިސް ތަޅުމުން ބޭރުކޮށްލުމުގެ ބާރުވެސް އެ ފަރާތަށް ލިބިގެންދާނެއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މި އިސްލާހު ފާސްކުރުމަށް ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީއެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުޙައްމަދެވެ. ބައްދަލުވުމުގައި މެންބަރުން ވަނީ، މިއީ މަޖިލީހުގެ ވަގުތު ސަލާމަތްކުރުމަށާއި ހިންގުން ހަރުދަނާކުރުމަށް މުހިންމު އިސްލާހެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

އެ ބަދަލަށް ތާއީދުނުކުރައްވާކަން ހާމަކުރައްވައި ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިޞަލް ވިދާޅުވީ، މި ބަދަލު ފާސްވެއްޖެނަމަ ކުއްލި މައްސަލައަކަށް ވެސް ގަރާރަކަށް ވެސް ބަހުސްކުރުމުގެ ފުރުސަތު ލިބޭނީ، އެ ބަލައިގަތުމަށްފަހު ކަމަށެވެ. މިހާރު ގަވާއިދު އޮތް ގޮތުން މައިނޯރިޓީއަށް އެކި ކަންކަމުގައި ބަހުސްކުރުމުގެ ފުރުސަތު ލިބޭ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

އެއަށްފަހު އަމީން ވަނީ ކޮމިޓީގެ ބައްދަލުވުން ދޫކުރައްވައި ވަޑައިގެންފައެވެ. ދެން އިސްލާހު ފާސްކުރަން ވޯޓަށް އެހުމުން، އެވަގުތު ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން އެ އިސްލާހު ވަނީ ފާސްކޮށްފައެވެ.

މި ބަދަލަށް ރަސްމީކޮށް އަމަލުކުރަން ފަށާނީ، ކޮމިޓީގެ ރިޕޯޓު މަޖިލިސް ތަޅުމަށް ހުށަހަޅައި، ޖަލްސާއިން ވޯޓުދީ ފާސްކުރުމުންނެވެ.

ރިއެކްޝަންސް

ކޮމެންޓް