މާލޭގެ މަޝްހޫރު އަމީނީ މަގު އަލުން ތަރައްޤީކޮށް މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން، ސެގްމެންޓް 3 ގައި ތާރުއެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުގައެވެ.
އެކި ސެގްމެންޓްތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ. މިގޮތުން ފުރަތަމަ ސެގްމެންޓަކީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަހައްދު ކަމަށްވާއިރު، ދެވަނަ ސެގްމެންޓަކީ ދިވެހިރާއްޖޭގެ އަޑު ކުރިމަތީ އޮންނަ ހަތަރުއަނގޮޅި ކަންމައްޗެވެ. އަދި 3 ވަނަ ސެގްމެންޓުގައި އިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރިކެނޑި ހިނގުން ހިމެނޭއިރު، 4 ވަނަ ސެގްމެންޓަކީ ކޯރިކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށެވެ. މީގެތެރެއިން ސެގްމެންޓް 1 އަދި 2 ގައި ތާރުއަޅައި ނިންމާ, އާންމުންގެ ދަތުރުފަތުރުކުރުމަށް މިހާރުވަނީ ހުޅުވާލާފައެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި، ސެގްމެންޓް 3 ގައި ތާރުއެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ މަސައްކަތް ނިމުމާއެކު މަގުގައި މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.
މި މަގު އަލުން މަރާމާތުކޮށް ރަނގަޅު ފެންވަރަކަށް ހަދަންޖެހުނީ، ކުރިން އެ މަގުގައި ތާރުއަޅައި ބޭނުންކުރަން ފެށިތާ ގިނަ ދުވަސްތަކެއް ނުވަނީސް ބޮޑެތި އަޑިގުޑަންތައް ހެދި، މަގު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކަކާއި ތަކުލީފުތަކަކާ ކުރިމަތިވަމުން ދިޔުމާ ގުޅިގެންނެވެ.




