ކޯޗާ މައްސަލަޖެހި ޓީމު ދޫކޮށްލި ރޮނާލްޑޯ 30 ދުވަހަށް ސަސްޕެންޑްކޮށްފި

ނިމިދިޔަ ބައިނަލްއަގުވާމީ ބްރޭކްގައި ކޯޗު ޖޯޖް ޖީސަސްއާ މައްސަލަޖެހި ޤައުމީ ޓީމު ދޫކޮށްލި މައްސަލައިގައި، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ 30 ދުވަހަށް ސަސްޕެންޑްކޮށް، ޖޫރިމަނާކުރުމަށް ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފިއެވެ.

މި މައްސަލަ ބެލުމަށްފަހު ފެޑެރޭޝަނުގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމީ، ޤައުމީ ޓީމުގެ ހާއްސަ އުސޫލުތަކާ ރޮނާލްޑޯ ޚިލާފުވެފައިވާ ކަމަށެވެ. އެހެންކަމުން އޭނާ 30 ދުވަހަށް ސަސްޕެންޑްކޮށް، 255 ޔޫރޯ (ގާތްގަނޑަކަށް 285 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކުރަން ވަނީ ނިންމާފައެވެ.

ފެޑެރޭޝަނުން ހާމަކުރި ގޮތުގައި، ރޮނާލްޑޯއަށް ކުރި ޖޫރިމަނާއަކީ ގަވާއިދުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަދެވެ. ނަމަވެސް، ކުށަށް އޭނާ އިއުތިރާފުވުމާއި، މީގެ ކުރިން އަޚުލާގީ މައްސަލައެއް ފެންމަތިވެފައި ނުވާތީ، އަދަބު ވަނީ ލުއިކޮށްދީފައެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ހިނގަމުންދާ ސަސްޕެންޝަންގެ މުއްދަތު ހަމަވާނީ މި މަހުގެ ނިޔަލަށެވެ.

ނަމަވެސް، މި ސަސްޕެންޝަނަކީ ސީދާ ކޮން ކަންތައްތަކެއް ކުރުން މަނާ ސަސްޕެންޝަނެއް ކަމެއް، މެޗުތަކަށް އެކަނި ކުރި ސަސްޕެންޝަނެއް ކަމެއް ނުވަތަ ގައުމީ ޓީމުގެ އެހެން ހުރިހާ ކަމަކާއެކު ކުރި ސަސްޕެންޝަނެއް ކަމެއް ފިޔަވަޅުގައި ބަޔާންކޮށްފައެއް ނުވެއެވެ.

ރޮނާލްޑޯ ތުހުމަތުކުރި ގޮތުގައި، ޔޫއެފާ ނޭޝަންސް ލީގުގައި ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު 30 މިނެޓަށް އޭނާ ކުޅެން އަރުވާނެ ކަމަށް ބުނެ ކޯޗު ވަނީ ވައުދާ ޚިލާފުވެފައެވެ. ނަމަވެސް، އެކަމާ ހިތްހަމަނުޖެހި ގައުމީ ޓީމު ދޫކޮށްލުމަކީ ހެދުނު ގޯހެއް ކަމަށް އޭނާ އަމިއްލައަށް ގަބޫލުކޮށް، މައާފަށް އެދިފައިވެއެވެ.

ޓީމު ދޫކޮށްލުމަށްފަހު ރޮނާލްޑޯ ވަނީ ގާތްގަނޑަކަށް 2,000 ބަހުގެ ބަޔާނެއް އިންސްޓަގްރާމްގައި އާންމުކޮށްފައެވެ. އެ ބަޔާނުގައި އޭނާ ބުނީ، މިވަގުތު ރިޓަޔާވާން ބޭނުމެއް ނުވާ ކަމަށާއި، އޭނާއަށް އަދަބު ދޭން ޖެހޭ ކަމަށާއި، އެކަމުގައި މައްސަލައެއް ނެތް ކަމަށެވެ.

އަންނަ މަހުގެ ބައިނަލްއަގުވާމީ ބްރޭކްގައި އުމުރުން 41 އަހަރުގެ ރޮނާލްޑޯއަށް އަލުން ޓީމާ ގުޅުމުގެ ފުރުސަތު އޮތް ނަމަވެސް، އެކަން ބިނާވެފައިވަނީ ކޯޗުގެ ނިންމުމުގެ މައްޗަށެވެ. ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ޕެޑްރޯ ޕްރޮއެންސާ ވިދާޅުވީ، ރޮނާލްޑޯއަކީ އަދިވެސް ޓީމުގެ ކެޕްޓަން ކަމަށާއި، ޓީމަށް އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށެވެ.

މީގެ ކުރިން ސައުދީގެ އަލް ނަސްރުގައި ވެސް ރޮނާލްޑޯއަށް އިރުޝާދުދިން ޖީސަސްއާއި ރޮނާލްޑޯއާ ދެމެދު އުފެދުނު މި މައްސަލަ ވަރަށް އަވަހަށް ހައްލުވާނެ ކަމަށް ފެޑެރޭޝަނުން އުއްމީދުކުރެއެވެ.

ރިއެކްޝަންސް

ކޮމެންޓް