ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށާއި ޓެކްސްގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށްޓަކައި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި އިއްވައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީއެވެ.

މި ބިލު ހުށަހެޅުއްވި މައިގަނޑު އެއް މަޤްސަދަކީ، ރާއްޖޭގައި ވިޔަފާރިކުރާ ދާއިމީ ތަނެއް ނެތް ފަރާތްތަކުން ފޯރުވައިދޭ އިންބައުންޑް ޓުއަރިޒަމް ޕްރޮޑަކްޓާއި އެ ޚިދުމަތްތަކުން 1 އޮކްޓޫބަރ 2026 އިން ފެށިގެން ނަގަމުން އައި ޓެކްސް ނެގުން ހުއްޓާލުމެވެ. މީގެއިތުރުން، ޖީއެސްޓީ ދައްކަމުން ނުދާ ފަރާތްތަކާމެދު މީރާއަށް އެޅޭނެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުންވެސް މިއީ ބިލުގެ މަޤްސަދެކެވެ.

ބިލުގައިވާ ގޮތުން، ޓެކްސްގެ މަންފާއެއް ހޯދުމުގެ ބޭނުމުގައި ކުރާ މުއާމަލާތްތަކަކީ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ މުޢާމަލާތެއްގެ ގޮތުގައި ބެލެވޭނެއެވެ. އަދި އެފަދަ މުއާމަލާތްތަކީ ޓެކުހުގެ ބޭނުމަށް ބަލައިގަނެވޭނެ މުއާމަލާތެއް ނޫންކަމަށް ކަނޑައެޅުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންވެއެވެ. ޓެކުހާ ގުޅޭ މަންފާގެ ގޮތުގައި ދައްކަންޖެހޭ ޖީއެސްޓީ ކުޑަވުމާއި، ދައްކަންޖެހޭ ތާރީޚު ލަސްވުން ފަދަ ހާލަތްތައް ތަފްސީލުކޮށްދީފައިވެއެވެ.

މި ބިލު ތަންފީޒުކުރަން ފަށާނީ ފާސްވެ، ތަސްދީޤުކޮށް، ގެޒެޓްކުރާ ހިސާބުންނެވެ. ބިލުގައިވާ އަންދާޒާތަކުން ދައްކާގޮތުގައި، އޮފްޝޯ ބުކިންގ ޕްލެޓްފޯމްތަކާއި ފޮރިން ޓުއަރ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީގެ ގޮތުގައި ލިބޭނެކަމަށް ކުރިން ލަފާކުރި 1,608.5 މިލިއަން ރުފިޔާގެ އާމްދަނީ، އިންބައުންޑް ޓުއަރިޒަމް ޓެކްސް އުވާލުމާއެކު ދެން ދައުލަތަށް ނުލިބޭނެއެވެ.

ރިއެކްޝަންސް

ކޮމެންޓް