އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް މުހިންމު ބަދަލުތަކެއް ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން އެކުލަވައިލި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި އިއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދެވެ.

މި އިސްލާހު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، ޓެކްސް ދައްކާ ފަރާތްތަކުން ދައްކަންޖެހޭ އިންޓްރެސްޓް އުނިކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް މުރާޖައާކުރުމެވެ. އަދި މިހާރު އަމަލުކުރަމުންދާ ގާނޫނުގައިވާ ބައެއް މާއްދާތަކަށް ބަދަލުުގެނެސް، އުނިކުރަންޖެހޭ ބައިތައް އުނިކުރުންވެސް މި ބިލުގައި ހިމެނެއެވެ.

ބިލުގައިވާ ގޮތުން، އިންޓްރެސްޓް ކެޕޭސިޓީގެ މިންގަނޑެއްގެ ގޮތުގައި ބަލާނީ ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތެއްގެ ޓެކްސް-އެބިޓްޑާގެ 25 އިންސައްތައެވެ. މި އިސްލާހަށް އަމަލުކުރަން ފެށުމަށް ހުށަހަޅާފައިވަނީ 1 ޖެނުއަރީ 2027 އިން ފެށިގެންނެވެ.

މި ބަދަލާއެކު ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ލަފާކޮށްފައިވާއިރު، އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ދައުލަތަށް އިތުރަށް 496.3 މިލިއަން (496،300،302) ރުފިޔާ ލިބޭނެ ކަމަށް ބިލުގައި ވަނީ އަންދާޒާކޮށްފައެވެ.

ރިއެކްޝަންސް

ކޮމެންޓް