ޓައިގާ ޝްރޮފަށް ހަމަލާދިން މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓައިގާ ޝްރޮފަށް އަމާޒުކޮށް މުމްބާއީގައި ބަޑިން ހަމަލާދިން މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ރާޖަސްތާނުގެ ކޯޓާ ސިޓީގައި ހައްޔަރުކޮށްފިއެވެ.

ކޯޓާގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ތޭޖަސްވާނީ ގޯތަމް ވިދާޅުވި ގޮތުގައި، އެ ތިން މީހުން ހައްޔަރުކުރީ ޕޫނޭ-ޖައިޕޫރު އެކްސްޕްރެސް ރޭލުގައި ދަތުރުކުރަމުން ދަނިކޮށެވެ. ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ރޭލު ސްޓޭޝަނަށް ވަންނަ ދޮރުތަކާއި ޕްލެޓްފޯމްތައް ބަންދުކޮށް، 15 މިނެޓުގެ ތެރޭގައި މުޅި ރޭލު ބަލައިފާސްކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހަރިޔާނާގެ ސޯނިޕަތަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ ރެހާން (ސުއްކާ)، ބިހާރަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ރިތިކް ކުރުމީ (ރޯޝަން) އާއި 17 އަހަރުގެ ކުޑަކުއްޖެއް ހިމެނޭ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ފުލުހުންގެ ތަޙުޤީޤުން އެނގިފައިވާ ގޮތުގައި، މި މީހުން ރާވާފައި އޮތީ ރޭލުގައި ދިއްލީއަށް ގޮސް، އެއަށްފަހު ނޭޕާލަށް ފިލުމަށެވެ. މި ހަމަލާ ދިނުމަށް އެ މީހުންނަށް އެޑްވާންސްގެ ގޮތުގައި 50،000 ރުޕީސް ލިބިފައިވާ ކަމަށްވެސް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މިހާރު އެ މީހުން ވަނީ 48 ގަޑިއިރުގެ ޓްރާންސިޓް ރިމާންޑެއްގެ ދަށުން މުމްބާއީ ފުލުހުންނާ ހަވާލުކޮށްފައެވެ. އެ މީހުން މުމްބާއީއަށް ގެންގޮސް ތަޙުޤީޤުކުރުމުގެ މަސައްކަތް މުމްބާއީ ފުލުހުންގެ ކްރައިމް ބްރާންޗުން ދަނީ ކުރަމުންނެވެ.

ދިއްލީ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އެމެރިކާގެ ކެލިފޯނިއާގައި ފިލައިގެން އުޅޭ ކަމަށް ބެލެވޭ އަނިލް ޕަންޑިތު ނަމަކަށް ކިޔާ މީހެކެވެ. ހަރިޔާނާގެ ޕާނިޕަތަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އަނިލް، ލޯރެންސް ބިޝްނޯއީ ގޭންގާ ގުޅި، ވިޔަފާރިވެރިންނަށާއި ފަންނާނުންނަށް ބިރުދައްކައިގެން ފައިސާ ފޭރުމުގެ 12 އަށްވުރެ ގިނަ މައްސަލައެއްގައި ހަރިޔާނާ ސްޓޭޓުން އޭނާ ހޯދަން ވަނީ އިޢުލާންކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި، ރެޕިޑޯ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ ރެހާން ވަނީ އަނިލް ޕަންޑިތާ މުޢާމަލާތްކޮށްފައެވެ. މި ހަމަލާގެ ޒިންމާ އަނިލް ސޯޝަލް މީޑިއާ މެދުވެރިކޮށް ނަގާފައިވާ ކަމަށް ފުލުހުން ފާހަގަކުރި ނަމަވެސް، އެއީ ސީދާ އޭނާ ކުރި ޕޯސްޓެއްކަން އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ.

މި ހަމަލާ ދީފައިވަނީ އާދީއްތަ ދުވަހުގެ އިރުއޮއްސި 7:00 ހާއިރު، މުމްބާއީގެ ޖުހޫ ސަރަޙައްދުގައި ހުންނަ ޕުޝްޕާ ނަރްސީ ޕާކު ކައިރީގައި އޮންނަ ފުޓުބޯޅަ ދަނޑަކުން ނިކުމެ ޓައިގާ ކާރަށް އެރި ވަގުތުގައެވެ. ސައިކަލެއްގައި އައި ތިން މީހަކު ވެގެން ދިން މި ހަމަލާގައި ފަސް ފަހަރަށް ބަޑިޖަހާފައިވާ ކަމަށް މީޑިއާތަކުން ބުނެއެވެ.

ޓައިގާގެ ގަޔަށް ވަޒަނެއް އަރާފައި ނުވި ނަމަވެސް، ކާރު ދުއްވަމުން ދިޔަ ޑްރައިވަރުގެ އަތަށް ވަޒަނެއް އަރައި ޒަޚަމްވެފައިވެއެވެ. އަދި އެ ސަރަޙައްދުގައި ހުރި ޓައިގާގެ ސަޕޯޓަރަކަށް ވެސް ވަނީ އަނިޔާވެފައެވެ.

މި ހާދިސާއާ ގުޅިގެން މަހާރާޝްޓްރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އޭކްނާތު ޝިންޑޭ ވަނީ އާދީއްތަ ދުވަހުގެ ރޭ ޓައިގާގެ ގެއަށް ޒިޔާރަތްކުރައްވައި، އޭނާއާއި އޭނާގެ މަންމަ އައިޝާ ޝްރޮފަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރިއެކްޝަންސް

ކޮމެންޓް