ސުޕްރީމް ކޯޓާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގައި ހުޅުޖެހުމަށް ސޯޝަލް މީޑިއާގައި ހިތްވަރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މި ޕޯސްޓް ކޮށްފައިވަނީ އެމްއެންޑީއެފްގެ ކުރީގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނެންޓް، އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވާ ޙަސަން ޒިހާން އެވެ. ދައުލަތުގެ މުހިންމު މުއައްސަސާތަކުގައި ހުޅުޖެހުމަށް ހިތްވަރުދީ އޭނާ ވާހަކަދައްކާފައިވަނީ އޭނާގެ ފޭސްބުކް އެކައުންޓުން ކުރި ސްޓޭޓަސްއެއްގައެވެ.
އިނގިރޭސި ބަހުން ކުރި އެ ޕޯސްޓުގައި ޒިހާން ވަނީ، އެ ތިން އިމާރާތުގައި ހުޅުޖެހުމުގެ ފުރުސަތު ދިވެހިންނަށް ނުލިބެނީ ކީއްވެތޯ ސުވާލުކޮށްފައެވެ. އަދި ދައުލަތުގެ ތިން ބާރު ހިންގާ މައި އިދާރާތަކުގައި އަލިފާން ރޯކޮށްލުމަކީ މަޖާ ކަމަކަށް ވާނެ ކަމަށް ބުނެ ހިތްވަރު ދީފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ޒިހާން ކުރި ކޮމެންޓުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު: 32/2015) ގައި ބަޔާންކޮށްފައިވާ ގޮތުން، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ކުށެކެވެ. އެ ކުށް ސާބިތުވެއްޖެ މީހެއްގެ މައްޗަށް އަންނާނީ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.
ޒިހާން ކުރި މި ޕޯސްޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އޭނާއަށް އަމާޒުވެފައެވެ.




